ރާއްޖޭގެ އުތުރުގައި ވެސް އައިޓީ އިންކިއުބޭޓަރެއް ގާއިމްކުރަނީ

އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންގެ ހުނަރު ތަރައްގީކޮށް، ކުރިއެރުވުމަށް ރާއްޖޭގެ އުތުރުގައި ވެސް އައިޓީ އިންކިއުބޭޓަރެއް ހުޅުވުމަށް ސަރުކާރުން ނިންމައިފި އެވެ. އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކިކްސްޓާޓް އިން ބޭއްވި ހެކަތޯން ނިންމުމަށް އިއްޔެ ހަވީރު މާލޭ ސިޓީ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާ ފުޅާކޮށް، އެއީ އިންޑަސްޓްރީއެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން، ހދ. ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި އައިޓީ އިންކިއުބޭޓަރެއް ގާއިމްކުރުމަށް ނިންމާފައިވާ ކަން އޭނާ އިއުލާންކުރެއްވި އެވެ. "ރާއްޖޭގެ އެކި ހިސާބުތަކުގައި، މިކަހަލަ އެއްޗިހި އުފައްދާ ކުދިންނަށް ގައިޑްކޮށް ދީގެން، އެ ކުދިން އެ އުފައްދާ އެއްޗިހި ނިމުނީމާ އެ މާކެޓް ހޯދައިދީ، އެ އަށް ކުރިއެރުން ގެނެސްދޭނެ މަގުތައް ފަހިކޮށް ދޭން ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި "އެޕްސް ޗެލެންޖު"ގެ ނަމުގައި ހެކަތޯންއެއް ބާއްވައި، އަންނަ އަހަރުން ފެށިގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ހެކަތޯންއެއް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާ ކަން ވެސް އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވަނީ އިއުލާންކުރައްވާފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޒުވާނުން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގައި އެއްބާރުލުން ދީ، ބައިވެރިވާން ސަރުކާރުން ބޭނުންވާތީ އެވެ. އައިޓީ ދާއިރާގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް މަގުފަހިކޮށް ދިނުމަށް ގާއިމްކުރާ އައިޓީ އިންކިއުބޭޓަރު ސެންޓަރެއް މާލޭގެ އިތުރުން ފުވައްމުލަކުގައި ވެސް ވަނީ ގާއިމްކޮށްފަ އެވެ. ފުވައްމުލަކުގައި އައިޓީ އިންކިއުބޭޓަރު ސެންޓަރެއް ހުޅުވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ