ކޯޓުތަކުގެ ބިލާއި ކޮޕީރައިޓްގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި އެވެ.މި މަހުގެ 13 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މި ބިލް ރައީސް ނަޝީދު ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިޢު ކޮށްފަ އެވެ.ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަކީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ދިވެހި ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތައް ކަނޑައަޅައި ބަޔާންކުރުމާއި އެކޯޓުތަކުގެ އިހްތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.އެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހި ރާއްޖޭގައި އަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ، ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އެ ޤާނޫނުން ކަނޑައަޅާ ދަށު ކޯޓުތަކަށާއި އެހެން ޤާނޫނަކުން ކަނޑައަޅާ ދަށުކޯޓު ތަކަށެވެ.ދިވެހި ރާއްޖޭގެ ކޯޓުތަކުން ބަލާ ހުރިހާ މައްސަލަތަކެއް ވެސް ނިންމަންވާނީ، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވި އަނެއް ޤާނޫނަކީ، މިމަހުގެ 6 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ކޮޕީ ރައިޓާއި އެ އާގުޅޭ އެހެނިހެން ޙައްޤުތަކުގެ ބިލެވެ. އެ ބިލްވެސް ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު ވެސް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފަ އެވެ.ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކޮޕީރައިޓާއި އަދި އެއާގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި އެފަދަ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ނަމަ، އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމުގެ ޤާނޫނެވެ. އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުން، ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ ތަކެއްޗާއި ދިވެހިރާއްޖެ ތަސްދީޤު ކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި ބަޔާން ކުރެވިފައިވާ ބަޔަކު އުފައްދާ ތަކެތި، މިޤާނޫނުގެ ދަށުން ހިމާޔަތް ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ