ޗައިނާގެ އިންވެސްޓްމަންޓްތަކަށް ސައޫދީ އަރަބިޔާ ހުޅުވާލަން ގޮވާލައިފި

ރިޔާޟް (ޖަނަވަރީ 15) : ޗައިނާގެ އިންވެސްޓްމަންޓް ތަކަށް ސަޢޫދީ އަރަބިޔާ ހުޅުވާލުމަށް ޗައިނާގެ ބޮޑުވަޒީރު ވިންޖިޔާބާއޮ ސައޫދީ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނިގޮތުގައި ވިންޖިޔާބާއޮ މިކަމަށް ގޮވާލެއްވީ އޭނާ ސަޢޫދީ އަރަބިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައޫދީ ވަލީއުލްޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒް އާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.
ސައޫދީ ތެލާއި ޤުދްރަތީ ގޭހުގެ ސިނާއަތުގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރަން ޗައިނާގެ ކުންފުނިތައް ތައްޔާރަށްއޮތްކަމަށް ވިންޖިޔާބާއޮ ސައޫދީ ވަލީއުލްޢަހްދަށް ދެންނެވި ކަމަށް ޒިންހުވާ ޚަބަރުދެއެވެ. އަދި ސައޫދީ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ތަންފީޒުކުރުގައިވެސް މުހިއްމު ދައުރެއް ޗައިނާގެ ކުންފުނިތަކަށް އަދާކުރެވިދާނެކަން ވިންޖިޔާބާއޮ ހާމަކުރެއްވި ކަމަށް ޚަބަރުލިބެއެވެ.
ޗައިނާގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން، ސައޫދީ އަރަބިޔާގެ ވިޔަފާރީގެ މުހިއްމު ބައިވެރިއަކަށް ވުމުގެ އިތުރު ފުރްސަތުތައް ޗައިނާއަށް ދޭނެކަން ނާއިފް ހާމަކުރެއްވިއެވެ. މިހާރުވެސް ސައޫދީ އަރަބިޔާއަށް 4 ވަނައަށް އެންމެ ގިނައިން މުދަލާއި އެނޫންތަކެތި އިންޕޯޓްކުރަނީ ޗައިނާއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާއަށް ބަލާއިރު އެޤައުމަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން އިންޕޯޓް ކުރަނީ ސައޫދީ އަރަބިޔާއިންނެވެ. ދެވަނައަށް ޗައިނާ އެންމެ ގިނައިން ތެޔޮ އިންޕޯޓްކުރަނީ އީރާނުންނެވެ. ގަލްފަށް ބަލާއިރު ތެލާއި ޤުދްރަތީ ގޭހުގެ ދާއިރާތަކުގައި ޗައިނާ އެންމެ ގިނައިން އިންވެސްޓް ކުރަނީ އީރާން ގައެވެ. -- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ