ތުޅާދޫގެ ކައުންސިލުގެ ބައި އިލެކްޝަން ހުއްޓުވައި ދިނުމަށް އަތޮޅު ކައުންސިލުގެ ބައެއް މެންބަރުން ގޮވާލައިފި

ބ. ތުޅާދޫގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު އުމައިރާ އަބޫބަކުރުގެ ގޮނޑިއަށް މެންބަރަކު ހޮވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދާތީ އެކަންތައް ހުއްޓުވައި ދިނުމަށް އެދި އެއަތޮޅުގެ ކައުންސިލްގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުއް ރަހުމާނު އަބޫބަކުރު ހުސެއިންނާއި އެ ކަންސިލްގެ މެންބަރު އަބްދުލް މުއުމިނު އާދަމް އަދި ތުޅާދޫ ކައުންސިލްގެ ހުސެއިން ޒަމީލް ސޮއިކުރައްވާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުމައިރާ ކައުންސިލުން ވަކިކުރި މައްސަލާގައި ސުވާލު އުފެދޭ ކަމަށާއި އިތުރަށް ދިރާސާ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަންކަން އިތުރަށް ދިރާސާ ކުރުމަށް ތުޅާދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ލޯކަލް ގަވާމެންޓް އޮތޯރިޓީ ބޯޑުގެ ނިންމުމެއް ނެތި އަދި އަތޮޅު ކައުންސިލްގެ އެނގުމާ ހިލާފަށް އެ މާގަމަށް މެންބަރަކު ހޮވުމުގެ މަސައްކަތް އިލެކްޝަނުންނާއި ތުޅާދޫ ކައުންސިލާއި ކުރަމުން ގެންދާތީ އެކަންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އުމޭރާގެ އެ މަގާމަށް އަލުން މެންބަރަކު އައްޔަން ކުރަން ކުރަމުން ގެންދާ އެ މަސައްކަތަކީ އެހެން ކައުންސިލްތަކުން ނަމޫނާއަކަށް ދެކިގެން އެފަދަ އަމަލުތައް ތަކުރާރު ކޮށްފާނެ ކަމެއް ކަމުގައިވާތީ އެފަދަ ކަންކަމަމީ ސަރުކާރާ އެއްކޮޅު އަދި އިދިކޮޅު ސިޔާސީ ޕާޓީތަކަށާއި އެންމެހާ ރައްޔިތުންނަށް ވެސް އެކަމުގެ ބިރު އޮތް ކަމެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އުމައިރާ ކައުންސިލުން ބޭރު ކުރެވޭނީ ކޯޓުން ކަމަށް ޑީއާރްޕީން ބުނެފައިވަނިކޮށް ތުޅާދޫގައި ބައި އިލެކްޝަން ބޭއްވުމަށް އިއުލާން ކޮށްފައިވާއިރު ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވިދާޅުވީ ތުޅާދޫ ކައުންސިލުގެ ގޮނޑިއެއް ހުސްވެއްޖެ ކަން އެރަށު ކައުންސިލުން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
ތުޅާދޫ ކައުންސިލްގައި ހުސްވެފައިވާ އެ ގޮނޑިއަށް މެންބަރަކު ހޮވުމުގެ ބައި އިލެކްޝަން އަންނަ މަހުގެ 20 ގައި ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިލާފަ އެވެ.
#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#$#
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ