މުލަކު އެކުވެރި ކްލަބު ގްރޫޕް އޭގެ އެއްވަނައިގައި ހަމަޖެހިލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމްކޮށްގެން ކޮންމެ އަތޮޅެއްގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގެ ތެރެއިން މ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި މުލީ އެކުވެރިންގެ ދިރުން އަތުން މޮޅުވެ، މުލަކު އެކުވެރި ކްލަބު ގްރޫޕް އޭގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުގައި މުލީ އެކުވެރިންގެ ދިރުމުގެ އަތުން މުލަކު އެކުވެރި ކްލަބު މޮޅުވީ 1-0 ލަނޑުންނެވެ.
މުލީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މުލަކު އެކުވެރި ކްލަބުގެ ނާޝިހު އާދަމްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުލަކު ޓީމުގެ އަހްމަދު ނާސިހުއެވެ.
ގްރޫޕް އޭގައި ކޮންމެ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، މުލަކު އެކުވެރި ކްލަބު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް ވޭވަށު އެކުވެރިންގެ ގުޅުމަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މިމުބާރާތުގެ ގްރޫޕް ބީގައި މިހާތަނަށް ކޮންމެ ޓީމެއްވެސް ކުޅެފައިވަނީ އެއް މެޗެވެ. މި ގްރޫޕްގެ އެއްވަނައިގައި އޮތް ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާއާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މިމުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މަޑުއްވަރީ ޒުވާނުންގެ ޖީލްއާއި، ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއާއި، މުލީ އެކުވެރިންގެ ދިރުމާއި، ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާއާއި، ނާލާފުށި ޔޫތު ޑެވެލޮޕްމެންޓް އެސޯސިއޭޝަނާއި، ރަތްމަންދޫ ޒުވާނުންގެ ޖަމްއިއްޔާގެ އިތުރުން މުލީ ސްޕޯޓްސް ކްލަބެވެ.
މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެވެ. ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެ ޓީމެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ