އައިޖީއެމްއެޗްގައި އުރަމަތީ ކެންސަރަށް ޓެސްޓްކުރުން އިތުރުކުރަނީ

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް( އައިޖީއެމްއެޗް) ގައި އުރަމަތީ ކެންސަރަށް ޓެސްޓްކުރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއަރ ކޯޑިނޭޓަރ އިސްމާޢީލް ވިދާޅުވީ އުރަމަތީ ކެންސަރަށް ކޮންމެ އަންގާރަ ދުވަހަކު އެހޮސްޕޮޓަލުން ޓެސްޓް ކުރެވޭނެ ކަމަށެވެ. ނަމަވެސް އޮކްޓޫބަރ މަހަކީ އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުވާ މަސްކަމަށް ވުމުން މިމަހުގެ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކުވެސް އުރަމަތީ ކެންސަރަށް ޓެސްޓްކޮށްދެއެވެ. ޓެސްޓްކުރަން އަންނަ ތަރުތީބުން ކޮންމެ ދުވަހަކު ފަސް މީހުންނަށް ޚިދުމަތްދޭކަމަށް އޭނާ ވިދާޅުވިއެވެ. އޮކްޓޫބަރ މަސް ނިމުނުކަމުގައިވިއަސް އުރަމަތީ ކެންސަރަށް ޓެސްޓްކުރުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މީޑިއާ ކޯޑިނޭޓަރ ވިދާޅުވިއެވެ. ނަމަވެސް އިތުރު ކުރަނީ ކިތައްދުވަސް ކަމާއި އެއީ ކޮންދުވަސް ތަކެއްކަމެއް ކަނޑަ ނޭޅޭކަމަށް އޭނާ ވިދާޅުވިއެވެ .
އުރަމަތީ ކެންސަރުގެ ޓެސްޓް ހެދުމަށް ބޭނުންކުރާ އެންމެ ފަހުގެ އާލާތްތައް ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ވަރަށް ފަހުން ބޭނުންކުރަންފަށައިފައެވެ.
ގްލޯބަލް ކެންސަރު އޮބްޒަވޭޓާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި އަލަށް 421 މީހުންނަށް ކެންސަރު ޖެހުނެވެ. މީގެތެރޭގާއި ދެޖިންސްގެ މީހުން އުޅެނީ ވަރަށް ހަމަހަމައިގައެވެ. އެއީ 210 ފިރިހެނުންނާއި 211 އަންހެނުންނެވެ. އަންހެނުންނަށް ޖެހުނު ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން އެންމެ ގިނައީ އުރަމަތީ ކެންސަރެވެ. މިދިޔަ އަހަރު ރާއްޖޭގެ 73 އަންހެނަކަށް އަލަށް އުރަމަތީ ކެންސަރު ޖެހިފައިވެ އެވެ. އެއީ އަލަށް ކެންސަރު ޖެހުނު އަންހެނުންގެ 34.6 އިންސައްތައެވެ.
ޢުމުރުން 40 އަހަރުން މަތީ އަންހެނުން ކޮންމެ އަހަރަކު އެއް ފަހަރު އުރަމަތީ ކެންސަރަށް ޓެސްޓް ކުރަނެޖެހޭނެކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ކައިވެނިކޮށް ދަރިންލިބޭ ޢުމުރު ލަސްވެ ގާތުން ކިރު ނުދެވޭނަމަ އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި އާއިލާ މީހަކަށް އުރަމަތީ ކެންސަރު ޖެހިފައިވާ ނަމަ އުމުރުން 40 އަހަރަށް ވުރެ ހަގު އަންހެނުން ވެސް ޤަވާއިދުން ކެންސަރަށް ޓެސްޓްކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
އުރަމަތީ ކެންސަރަކީ ބަލީގެ ކުރީ ކޮޅު ދެނެގަނެވިއްޖެނަމަ އެއްކޮށް ފެސޭހަ ކުރެވޭ ބައްޔެއްކަމަށް ރާއްޖޭގައި މިހާރު މަސައްކަތްކުރަމުންދާ ކެންސަރުގެ އޮޕަރޭޝަންތަކާބެހޭ ހަމައެކަނި ދިވެހި ޑޮކްޓަރ މުޙައްމަދު ޝިފާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ