ސާދަ އަހަރުގެ ކުއްޖާ ރޭޕުކުރި މައްސަލާގައި ހަތަރު މީހަކު ބަންދު ކޮށްފި

ގޭންގަކުން ސާދަ އަހަރުގެ ކުއްޖާ ރޭޕުކޮށްލި މައްސަލާގައި ހަތަރު މީހަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލާގައި ބަންދުކޮށްފައިވަނީ 19 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިކުއްޖާ ރޭޕުކޮށްފައިވަނީ މިމަހު 22 ވަނަ ދުވަހުގެ ރޭ 8:15 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހު 23 ވަނަ ދުވަހުގެރޭ ގައެވެ.
މި ހާދިސާ ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައެވެ. މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 3 މީހުން ވެގެން ކުއްޖާ ރޭޕުކޮށްލި ކަމަށެވެ. އެހެންނަމަވެސް ތަހުގީގުތެރެއިން ވަނީ އިތުރު މީހަކު ބައިވެރިވާކަން އެނގިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މައްސަލަތަކަކީ އެތަނުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށާއި ނަން ހާމަ ނުކުރައްވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައަށްފަހު މިފަދަ މައްސަލަތައް ރާއްޖޭގައި އަންނަމީ ތިލަވަމުންނެވެ. މިފަދަ އަމަލު ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް މިއަދުވެސް މާލޭގައި ވަނީ މުޒާހަރާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ