ކޮޗިން އިން 500 ޓަނުގެ މުދަލާ އެކު ކާގޯ ބޯޓު ކުޅުދުއްފުއްޓަށް އަތުވެއްޖެ

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދަލާ އެކު މިއަދު ކުޅުދުއްފުށީގައި ބޯޓު ބަނދަރުކޮށްފި އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކޮޗިން އިން ފުރީ މިދިޔަ ހޯމަ ދުވަހު އެވެ. ފަސް ދުވަހުގެ ދަތުރަށް ފަހު ކުޅުދުއްފުށީ ބަނދަރަށް ވަދެވުނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
ބޯޓަށް މަރުހަބާ ކިޔަން ހަރަކާތްތަކެއް ކުރިން ރޭވި ނަމަވެސް، އެ ރަށުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން އެކަން ވަނީ ކެންސަލްކޮށްފަ އެވެ.
ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ގެނައީ ސިމެންތި އެވެ. އެކަމަކު ކާބޯ ތަކެއްޗާ އެކު 500 ޓަނަށް ވުރެ ގިނަ މުދާ އެ ބޯޓުން އުފުލި އެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދެއް ބޯޓު ކައިރިއަށް ގޮސްގެންނެވެ.
ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ. އެހެންކަމުން އެ ބޯޓުން މުދާ ބާލަން ޖެހޭނީ ދުރުގައި ބާއްވައިގެން، ދޯނިފަހަރު ފޮނުވައިގެންނެވެ. މިއީ މޫސުން ގޯސް ދުވަސްވަރު ވަރަށް އުނދަގޫ ކަމެއް ކަމަށް، ކުޅުދުއްފުށީ ޕޯޓުން މިދިއަ ހަފުތާގައި ބުންޏެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓުގެ އިތުރުން މާލޭގެ ވިޔަފާރި ބަނދަރަށެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ދަތުރުތައް ފަށަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތައް ލާމަރުކަޒު ކުރުމަށް އަލަށް ފެށި ކާގޯ ދަތުރު މުހިއްމު ކަމަށެވެ. އަދި ކޮޗިން ދަތުރަށް އިތުރު ކާމިޔާބީއެއް ލިބި ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި އިގުތިސޯދީ ހަރަކާތްތައް އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ