ކޮޗިންއިން ރާއްޖެ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފި

އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފިއެވެ. މި ފެރީ އިންޑިއާއިން ފުރާފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ. ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ. މި ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.
މި ފެރީ، މަހަކު ދެ ފަހަރު ރާއްޖެ އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު، ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ. ބޯޓު އިންޑިއާއާއި ރާއްޖެއާއި ދެމެދުކުރާ ކޮންމެ ދަތުރަކަށް 10 ދުވަސް ހޭދަވާނެއެވެ.
މި ފެރީގެ ސަބަބުން ރާއްޖޭގެ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާއި ރަށްތަކަށް ފަތުރުވެރިކަން ފުޅާވެ، އިގްތިސާދީ ކުރިއެރުން ލިބި، ތަރައްގީ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ. އަދި ދިވެހި އެކްސްޕޯޓަރުންނަށް މަހާއި، މަހުގެ ބާވަތްތައް ފަދަ ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ ބާޒާރަށާއި، އިންޑިއާ މެދުވެރިކޮށް ޔޫރަޕުގެ ބާޒާރަށް ނެރެވޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. 
ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ ދާދި ފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ