އެމެރިކާގެ ސުޕްރީމްކޯޓަށް ކަނާތު ފިޔައިގެ މީހަކު ނޮމިނޭޓް ކޮށްފި

އެމެރިކާގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ރޫތު ބޭޑަރ ގިންސްބަރގް އަވަހާރަވިތާ ދެ ހަފްތާ ނުފުރެނީސް، އެ މަގާމަށް ކަނާތު ފިޔައިގެ އަންހެނަކު ނޮމިނޭޓް ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައިފިއެވެ. ޓްރަމްޕް ނިންމަވާފައިވަނީ 48 އަހަރުގެ އޭމީ ކޯނީ ބެރެޓް ސުޕްރީމްކޯޓުގެ ބެންޗަށް ނިމިނޭޓް ކުރުމަށެވެ.
މިކަން އިއުލާން ކުރުމަށް ވައިޓް ހައުސްގައި ބޭއްވެވި ރަސްމިއްޔާތުގައި، ޑޮނަލްޑް ޓްރަމްގެ އަރިހުގައި އޭމީ ބެރެޓް އަދި އޭނާގެ ފިރިމިހާއާއި 7 ކުދިން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި، ޑޮނަލްޑް ޓްރަމްޕް ވަނީ އޭމީ ބެރެޓް އަކީ ގާނޫނީ ކަންތައްތަކަށް ފުންނާބު އުސް ބޭފުޅެއްކަމަށް ވިދާޅުވެ ތައުރީފް ކުރައްވާފައެވެ. އަދި، އެ މަގާމަށް އޭނާ ހޮވިއްޖެނަމަ، އޭމީ ބެރެޓް ވެގެންދާނީ ކޯޓުގައި އިންނަވާ އެންމެ ޒުވާން އަންހެނާ ކަމަށް ވިދާޅުވެފައެވެ.
އޭމީ ބެރެޓް ނޮމިނޭޓް ކުރުމާ ގުޅިގެން ޑިމެކްރަޓިކް ޕާޓީއިން ވަނީ ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން،ޑިމެކްރެޓިކް ޕާޓީގެ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ރިޔާސީ އިންތިހާބު ކައިރިވެފައިވާއިރު، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރުން އަވަސް އަރުވާލައިގެން ނިންމުމުގެ ބަދަލުގައި، އެ ފުރުސަތު ލިބެންވާނީ ރިޔާސީ އިންތިހާބުން މޮޅުވާ ބޭފުޅަކަށެވެ. އެހެންނަމަވެސް، ސެނެޓް މެޖޯރިޓީ އޮންނަ ރިޕަބްލިކަން ޕާޓީއިން ވަނީ ސުޕްރީމް ކޯޓުގެ ބެންޗަށް އޭމީ ބެރެޓް އައްޔަންކުރަން މަސައްކަތް ކުރަން ނިންމާފައެވެ.
އޭމީ ބެރެޓް މި މަގާމަށް ހޮވިއްޖެ ކަމުގައިވާނަމަ އެމެރިކާގެ ސުޕްރީމް ކޯޓުގައި ތިބޭ ކަނާތު ފިޔައިގެ ފަނޑިޔާރުންގެ އަދަދު ހަޔަކަށް އިތުރުވެގެން ދާނެއެވެ. ވާތު ފިޔައިގެ ތިބޭނީ އެންމެ ތިން ފަނޑިޔާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ