ބޯހިޔާވަހިކަމާއި މަސްވެރިކަމަށް ސައުދީން ދިން ލޯނު ހަމަޖެއްސީ ކުރީ ސަރުކާރުން!

ބޯހިޔާވަހިކަމާއި މަސްވެރިކަމުގެ މަޝްރޫއުތަކަށް ފަންޑުކުރުމަށް ސައުދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމެންޓުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ (771) ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ލޯނު ހޯދުމުގެ މަޝްވަރާ މަރުހަލާގެ ހުރިހާ މަސައްކަތެއްކޮށް ލޯނާއި ގުޅޭ އެމްއޯޔޫގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި 9 ޖުލައި 2018 ގައެވެ. މިގޮތުން ސައުދީގެ އިންޓީރިއަރ މިނިސްޓަރު ޕްރިންސް އަބްދުލް އަޒީޒް ބިން ނަޔެފް ރާއްޖެއަށް ކުރި ދަތުރުފުޅުގައި ރައީސް އޮފީހުގައި އޮތް ރަސްމިއްޔަތެއްގައި މި ލޯނާއި ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެވުނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަހްމަދު ބިން އަގީލް އަލް ކަތީބެވެ. އޭރު މި ލޯނުގެ އެއްބަސްވުމުގައި ސޮއި ކުރުމުން، އޭރުގެ އިދިކޮޅުގައި ތިއްބެވި މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ޤައުމު ދަރަނިވެރި ކުރުވަނީ ކަމަށް ވިދާޅުވެ އޭރުގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެ ލޯނުގެ ފައިސާ ރާއްޖެއަށް ނުދެވެނީސް ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން، ރާއްޖެއާއި ސައުދީ އަރަބިއްޔާ އާއި ދޭތެރޭ އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމުން ލޯނުގެ ފައިސާ ހަމަ ނުޖެހި ގިނަ ދުވަސްތަކެއް ވިފަހުން މިއަދު އެ ލޯނުގެ ފައިނަލް އެގްރީމެންޓުގައި ވަނީ ސޮއި ކުރެވިފައެވެ.ލޯނު އެއްބަސްވުމުގައި މިއަދު ސޮއި ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ލޯނުގެ ސަބަބުން 2700 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށާއި އަދި 25،000 މަސްވެރިންނާއި ދަނޑުވެރިންނަށްވެސް ފައިދާވާނެކަމަށެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ