މިއަހަރު ޙައްޖުގައި ބައިވެރިވެވޭ މީހުން ހޮވާފައިވާ ގޮތް ސައުދީން ހާމަކޮށްފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ހޮވާފައިވާ ގޮތް ސައުދީ އަރަބިއާ ސަރުކާރުން ހާމަ ކޮށްފިއެވެ.
އެގޮތުން ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާ އިން އިއްޔެ ހާމަކޮށްފައިވަނީ މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދެވިފައިވަނީ އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ 70 އިންސައްތަ މީހުންނަށް ކަމަށާއި ސައުދީ އަށް ނިސްބަތްވާ 30 އިންސައްތަ މީހުންނަށް ކަމަށެވެ.
ނަމަވެސް ސައުދީ ރައްޔިތުންގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހަމައެކަނި މިއަހަރު ދެވޭނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސަލާމަތީ ބާރުތަކުގެ މީހުންގެ ތެރެއިން މިބަލިޖެހި، ރަނގަޅުވެފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެޤައުމުގެ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. މިއީ އެފަރާތްތަކުން ޤައުމަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވާ ފުރުސަތެއް ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އެގޮތުން ފްރަންތްލައިނުގައި މަސައްކަތް ކުރައްވަނިކޮށް ކޮވިޑް އަށް ފައްސިވީ އެއޮފިސަރުންގެ ނަންތައް ޑޭޓާބޭސް އަކުން ހޯދާނެ ކަމަށް ވެސް ސައުދީން ސަރުކާރުން ބުނެފައިވެއެވެ.
މީގެއިތުރުން ސައުދި އަރަބިއާގައި ދިރިއުޅޭ އެހެން ޤައުމުތަކެއް ރައްޔިތުންނަށް ޙައްޖު އަދާ ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ކަމުގައި ވެސް ހާމަކޮށްފައިވެއެވެ.
އެޝަރުތުތަކަކީ:
- ސިއްޙީ ޙާލަތު މިވަގުތު ދަށް ނޫން މީހެއް ކަމުގައިވުން
- ކޮވިޑް އަށް ނައްސި ކަމުގެ ނަތީޖާ ދައްކުވައިދޭ ސެޓްފިކެޓު އޮތުން.
- މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާ ކޮށްފައި ނުވާ މީހެއް ކަމުގައިވުން
- ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުރިން އެމިނސްޓްރީން ކަނޑައަލާ ތަނެއްގައި ކަރަންޓީނުވުމުގައި އެއްވެސް އިއުތިރާޒެއް އޮތް މީހަކު ކަމުގައި ނުވުން، މިއެވެ.
ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ސައުދީ އަރަބިއާ އަށް ބޭރުގެ އެއްވެސް ޤައުމަކުން މީހުން ދިޔުން މަނަލެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރެމުގެ ފިރިސަތު ހަމައެކަނި ދެވިފައިވަނީ އެޤައުމުގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ