ދޮގު ޓްވީޓެއް ކުރެވި، މައިމޫނާގެ އަރިހުން ނަޝީދު މައާފަށް އެދިވަޑައިގެންފި

ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވި ކަމަށް ޓްވީޓް ކުރެވުނީ ލިބުނު ގޯސް މައުލޫމާތެއް ސަބަބުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމަށް މައާފަށް އެދިވަޑައިންނަވައިފި އެވެ. ރައީސް ނަޝީދު މިއަދު ވަނީ މައިމޫނާގެ މަންމަ ނިޔާވި ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. ތައުޒިޔާ ޓްވީޓެއް ކުރައްވައި އެ މައުލޫމާތަކީ ތެދު މައުލޫމާތަކަށް ނުވާތީ ފަހުން ވަނީ ޓްވީޓް ޑިލީޓްވެސް ކުރައްވާފަ އެވެ. "އަޅުގަނޑަށް ނުރަނގަޅު މައުލޫމާތެއް ލިބުނީ. އެކަމަށް ނިހާޔަތަށް މައާފަށް އެދެން،" ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ. ރައީސް ނަޝީދު އިތުރަށް ވަނީ މައިމޫނާގެ މަންމައަށް އަވަސް ޝިފާއެއް އެދޭ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން މައިމޫނާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފް ކުރައްވާފަ އެވެ. "ކޮންމެ ދުވަހަކު މައިމޫނާ އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑު ހިތަށް އަރާ. އަދި ހާއްސަކޮށް މި ދަނޑިވަޅު މަންމަ ބަލިވުމުން ވާނެގޮތްވެސް އިހުސާސްކުރެވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ