މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކާއެކު ހިތްގައިމު މަންޒަރުތަކެއް

މ. މުލީގައި ތަރައްގީ ކުރަމުންދާ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މިއީ ރާއްޖޭގެ ރަށެއްގައި ތަރައްގީ ކުރަމުންދާ ފެންވަރު ރަނގަޅު ފުރަތަމަ ސްކޭޓް ޕާކެވެ. މުލީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މި ޕާކު ތަރައްގީ ކުރުމަށް އެ ވުޒާރާއިން ވަނީ ދެ ލައްކަ ރުފިޔާ ޚަރަދުކޮށްފައެވެ.
ރާއްޖެ.އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މުލީ ކައުންސިލްގެ ރައީސް އަޙްމަދު ޝާތިރު ވިދާޅުވީ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށާއި، އެގޮތުން ސްކޭޓް ކުރާ ތަނުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ލައިޓު ޖެހުންފަދަ ކަންކަން ކަމަށާއި، ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ޕާކު ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށް ލަފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މި ޕާކު ތަރައްގީ ކުރުމަށް ދެ ލައްކަ ރުފިޔާ ޚަރަދުކުރިއިރު، ޝާތިރު ވިދާޅުވީ މި ޕާކު ތަރައްގީ ކުރުމަށް އެ ކައުންސިލުންވެސް މިހާތަނަށް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާނެ ކަމަށެވެ. އަދި މި މަޝްރޫއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވެދެއްވާ އެހީތެރިކަމަށް ޝާތިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޝާތިރު ވިދާޅުވީ ސްކޭޓް ޕާކް އެޅުމަށް އެންމެ ފުރަތަމަ ކޮންސްޓްރަކްޝަން ކުންފުންޏަކާ މަސައްކަތް ހަވާލުކުރަން ވިސްނި ކަމަށާއި، އެކަމަކު ސްކޭޓިން އެސޯސިއޭޝަނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު މި ޕާކު ތަރައްގީ ކުރުމަށް ޔޫރަޕުގެ ތަޖުރިބާކާރުން ގެނެސްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތަށް އެ ރަށުގެ ޒުވާނުންނާއި ރަށު ރައްޔިތުން ދޭ އެއްބާރުލުން ޝާތިރު ވަނީ ފާހަގަކުރައްވާފައެވެ.
މުލީ ސްކޭޓް ޕާކުގެ މަސައްކަތުގެ ބޮޑުބައި ނިމުނުއިރު، އެ ޕާކުގައި ކުޑަކުދިން މިހާރު އަންނަނީ ސްކޭޓް ކުރަމުންނެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްވެސް ވަނީ މި މަސައްކަތަށް މުލީ ކައުންސިލާއި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އިކުރާމް ހަސަން ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ