އެތުލެޓިކޯ ކަޓުވާލައި ލައިޕްޒިގު ފުރަތަމަ ފަހަރަށް ސެމީ އަށް

ލިޒްބަން (އޮގަސްޓް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނުގެ އާރްބީ ލައިޕްޒިގު ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މީގެ 11 އަހަރު ކުރިން ވުޖޫދުވި ލައިޕްޒިގަކީ މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދި ޖަރުމަނަށް ނިސްބަތްވާ ތިން ވަނަ ޓީމެވެ. ލައިޕްޒިގު ސެމީގައި ކުޅޭނީ 25 އަހަރަށް ފަހު މުބާރާތުގެ ސެމީން ފުރުސަތު ހޯދި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލުމަށް ފަހު ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އެތުލެޓިކޯ އަށް ޖުމްލަކޮށް ބަލާއިރު ރޭ ލައިޕްޒިގު ކައިރީ އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އޭގެ ބަދަލުގައި އުމުރުން 33 އަހަރުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅޭ ލައިޕްޒިގުން ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ އެތުލެޓިކޯ އަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވައިފަ އެވެ.
ނާގަލްސްމަން ބުނީ ލައިޕްޒިގަކީ ޔޫރަޕްގެ ފުޓްބޯޅަ އަށް އަދިވެސް ވަރަށް ޅަ ޓީމެއް ކަމަށާއި އެކަމަކު އެ ޓީމު ކުރިއަރަމުންދާ ދުވެއްޔަށް ބަލާއިރު ހާސިލްކުރެވޭނެ ކަންތައްތައް ގިނަ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"މިއީ މި ކްލަބަށް ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއް. މި ކްލަބް މި ކުރިއަރަނީ ވަރަށް އަވަހަށް. މިދިޔަ އަހަރު ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ކުޅެފައި މި އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ އަށް ދިއުމަކީ ކުޑަ ކަމެއް ނޫން. އެކަމަކު އަދިވެސް މި ކްލަބަކީ ޔޫރަޕަށް ޅަ ޓީމެއް. އަހަރެމެން އަދިވެސް ދަސްކުރަމުން މިދަނީ. ކުރިއަށް ދެން އޮތީ ޕީއެސްޖީ މެޗަށް ތައްޔާރުވުން،" ޒުވާން އުމުރުގައި ކޯޗިންގެ ތެރެއަށް ނުކުތް ނާގަލްސްމަން ރޭގެ މެޗަށް ފަހު ބުންޏެވެ.
ލައިޕްޒިގުގެ ކޯޗު ނާގަލްސްމަން (ކ) އެ ޓީމުގެ ސަބިޓްޒާ އަށް ބޯޅަ ދެނީ. -- ފޮޓޯ: އޭއެފްޕީ
މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ އެތުލެޓިކޯގެ ބެލްޖިއަމް ފޯވާޑް ޔަނިކް ކަރަސްކޯ އެވެ. އޭނާ ޖެހި ބޯޅަ ލައިޕްޒިގުގެ ކީޕަރު ޕީޓަ ގުލާޝްކީ ވަނީ މަތަކޮށްފަ އެވެ. އެތުލެޓިކޯގެ ފަރާތުން އެ ހަމަލާ މެޗުގެ ކުރީކޮޅުގައި ފެނުނު ނަަމަވެސް އެ ޓީމުގެ ފޯވާޑް ލައިން ހިފެހެއްޓުމުގައި ފުރަތަމަ ހާފުގައި ލައިޕްޒިގުގެ ޑިފެންޑަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ ހިފެހެއްޓުމުގައި ލައިޕްޒިގުގެ ޑަޔޫޓް އުޕަމެކާނޯ ވަނީ ތަފާތު ދައްކައިފަ އެވެ.
ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ނިމުމާ އެކު މި ސީޒަނުގައި ލައިޕްޒިގަށް 34 ގޯލު ޖަހައިދިން ފޯވާޑް ޓިމޯ ވާނާ ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ. ޓީމުގެ އެއް ވަނަ ފޯވާޑް ނުލައި ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހުމުން އެ ޓީމުގެ އެޓޭކް ލީޑުކުރުމުގެ ޒިންމާއާ ހަވާލުވީ ކެޕްޓަން ޔޫސެފް ޕޯލްސަން އެވެ. ލައިޕްޒިގުން ލަނޑު ޖަހަން ކުރި މަސައްކަތް ކާމިޔާބުކޮށްދިނީ މެޗުގެ 50 ވަނަ މިނިޓްގައި ޑެނީ އޮލްމޯ އެވެ. ޖެނުއަރީ މަހު ލައިޕްޒިގާ ގުޅުނު އޮލްމޯ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލީ އެ ޓީމުގެ މާސެލް ސަބިޓްޒާ ނަގައިދިން ހުރަހަކުންނެވެ.
ލައިޕްޒިގު ލީޑުނެގުމާ އެކު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އެ ޓީމަށް ކުޅޭ ޕޯޗުގީސް ތަރި ޔާއޯ ފެލިކްސް ކުޅެން އަރުވައިފަ އެވެ. އެ ބަދަލުގެ ނަތީޖާ ފެނުނެވެ. ފެލިކްސް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން މެޗުގެ 71 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ ވެސް އޭނާ އެވެ.
އެތުލެޓިކޯ އިން ބަދަލުތައް ގެނެސްގެން މެޗުން މޮޅުވާން މަސައްކަތްކުރަމުން ދަނިކޮށް ދެ ވަނަ ފަހަރަށް ވެސް މެޗުގައި ކުރިހޯދީ ލައިޕްޒިގުންނެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ކާމިޔާބުކުރީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޓައިލާ އެޑަމްސް އެވެ. އެންޖެލީނޯ ނަގައިދިން ހުރަހަކުން އެޑަމްސް ޖެހި ބޯޅަ ގޯލަށް ވަނީ އެތުލެޓިކޯގެ ޑިފެންޑަރު ސްތެފަން ސަވިޗް ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ. އެ ބޯޅަ އެތުލެޓިކޯ ކީޕަރު ޔެން އޮބްލެކަށް މަތަކުރެވޭނެ ފުރުސަތެއް ނެތެވެ.
މިއީ އެތުލެޓިކޯގެ ކޯޗުކަމާ ސިމިއޯނީ ހަވާލުވި ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި އިދިކޮޅުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތް ޓީމެއް އަތުން ކެޓި ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއި ޔުވެންޓަސްގައި ހުރެ އެތުލެޓިކޯ މި މުބާރާތުން ކަޓުވާލައިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން އެއް ލެގުގެ އުސޫލުން ހުރިހާ މެޗެއް ކުރިއަށްގެންދަނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގައި މެޗުތައް ކުޅޭ ގޮތަށް ޔުއެފާ އިން ނިންމި އެންމެ ބޮޑު ސަބަބަކީ ކޮވިޑް-19 ފެތުރިފައިވާތީ ދަތުރުފަތުރުކޮށްގެން ކުރިން މެޗުތައް ކުޅޭ ގޮތަށް ކުރިއަށް ދެވެން ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ