އެންޑީއެމްއޭގެ އޮޑިޓު: ގެސްޓް ހައުސްތަކާއި ރިސޯޓަކަށް އިތުރަށް ފައިސާ ދިން

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކަންތައްތައް މެނޭޖު ކުރަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރި މަސައްކަތްތަކަށް ހަރަދުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި ރިޕޯޓުގައި ބުނެފި އެވެ.
ކޮވިޑްގެ ކަންތައްތަކަށް ދައުލަތުން ހަރަދުކުރި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން ހެދި ކޮމްޕްލަަޔަންސް އޮޑިޓަށް ފަހު ނެރުނު ރިޕޯޓުން އެނގުނު ގޮތުގައި، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ކޮވިޑާ ގުޅޭ އޮޕަރޭޝަނުގައި ބައިވެރިވާ އެހެން ފަރާތްތައް ބައިތިއްބަން ހުޅުމާލެ އިން ގެސްޓް ހައުސް ކުއްޔަށް ހިފުމަށް އެންޑީއެމްއޭ އިން ހަރަދުކޮށްފައި ވަނީ އުސޫލާ ހިލާފަށެވެ.
އެގޮތުން، ފްރޮންޓްލައިން ސްޓާފުންގެ އެކޮމޮޑޭޝަނަށް ހަރަދުކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައި ނުވުމާއި އެއްބަސްވުމެއް ނެތި ގެސްޓް ހައުސްތަކަށް ފައިސާ ހަރަދުކޮށްފަައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި އެއްބަސްވުމެއް ނެތި ގެސްޓް ހައުސްތަކަށް ފައިސާ ދެއްކި އިރު، އެ ތަންތަނުގައި ބޭނުންކުރީ ކިތައް ކޮޓަ ރިކަމާއި ކޮންކޮން ހިދުމަތްތަކެއް ކަން އެންޑީއެމްއޭއިން ބަލައިފައެއް ވެސް ނެތެވެ.
ގެސްޓް ހައުސްތަކުގައި މީހުން ބައިތިއްބަން އެ އޮތޯރިޓީން 16.7 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ. އެ ތަންތަނަށް އެ ވަރަށް ހަރަދުކުރި އިރު އެއްބަސްވުމެއް ނެތުމުން އެކި ގެސްޓް ހައުސްތަކުން އެކި އަގު ނަގާފައިވާ ކަމަށާއި ބޭނުންނުކުރާ ކޮޓަަރިތަކާއި ހިދުމަަތްްތަކަށް ވެެސް ބިލްކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ގެސްޓް ހައުސްތަކާ އެކު އެއްބަސްވުމެއް ނެތުމުން އެ ތަންތަނުން ދޭންޖެހެނީ ކޮން ކޮން ހިދުމަތްތަކެއްކަން ކަނޑައަޅާފައި ނުވާއިރު އިތުރު އެތަައް ހިދުމަތްތަކަށް ވެސް ބިލް ކޮށްފައިވާ ކަމަށް އޮޑިޓްރިޕޯޓުގައި ވެ އެވެ. ހަަރަދުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ލޯންޑްރީގެ ހިދުމަތާއި އެކްސްޓްރާ ބެޑް ބޭނުން ކުރުން ކަހަލަ ކަންތައްތައް ހިމެނެ އެވެ.
އެންޑީއެމްއޭ އިން ގެސްޓް ހައުސްތަކަށް ހަރަދުކުރުމުގައި ހަދާފައިވާ އަނެއް ގޯހަކީ އެ ތަންތަނަށް ފައިސާ ދެއްކުމުގެ ކުރިން، ގެސްޓް ހައުސްތަކުގައި ތިބީ ކޮންކޮން ބައެއްތޯ ބަލާފައި ނެތުމެވެ. އެގޮތަށް އޮކިއުޕަންސީ ކަށަަވަރު ނުކޮށް ފައިސާ ދެއްކި ތަންތަނުގައި ދައުލަތުގެ އެކި އިދާރާތަތާއި ދައުލަތު ވިޔަފާރިކުންފުނިތަކުގެ މުވައްޒަފުން ތިއްބެވެ.
ކަރަންޓީނަށް ނެގި ރިސޯޓަކަށް އިތުރަށް ފައިސާ ދެއްކި
އެކޮމޮޑޭޝަނަށާއި ފެސިލިޓީތަކަށް ހަރަދު ކުރުމުގައި ޑިޒާސްޓާއިން އުސޫލާ ހިލާފަށް ކޮށްފައިވާ އަނެއް ކަމަކީ ކަރަންޓީނު ފެސިލިޓީތަކަށް ނެގި ރިސޯޓްތަކަށް އަގު ދޭން ސަރުކާރުން ކަނޑައަޅާފައިވާ ރޭަޓަށް ވުރެ އިތުރަށް ރިސޯޓަކަށް ފައިސާ ދެއްކުމެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެގޮތަށް ފައިސާ ދިން ރިސޯޓަށް އަގުދީފައި ވަނީ ޓީޖިއެސްޓިއާ ވެސް އެކުގައި ކޮޓަރިއަކަށް ދުވާލަކަށް 840ރ. ގެ ރޭޓުންނެވެ. އެގޮތަށް ބިލްކުރުމުން ވެސް ޑިޒާސްޓާއިން އެ ރިސޯޓަށް ފައިސާ ދެއްކި އިރު ސަރުކާރުން ކަނޑައަޅާފައި އޮތީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް 750ރ. ގެ ރޭޓުން އަގު ދިނުމަށެވެ.
އެެއްބަސްވެފައިވާ ރޭޓަށް ވުރެ އަގުބޮޑުކޮށް ފައިސާ ދެއްކުމުން އެ ރިސޯޓަށް ދައްކަން ޖެހޭ ފައިސާއަށް ވުރެ 12 ޕަސެންޓު އިތުރަށް ދައުލަތުން ހަރަދުވެފައި ވެ އެވެ. އެގޮތުން ސަރުކާރުން ކަނޑައެޅި އަގަށް ވުރެ އިތުރަށް އެ ރިސޯޓަށް 206،280ރ. ދައުލަތުން ހަރަދުވި އެވެ.
ކޮވިޑާ ގުޅޭ ކަންތައްތަކަށް ހަރަދުކުރި ގޮތް ބަަލަން ކުރި އޮޑިޓްގައި މީގެ ކުރިން ކުރި އޮޑިޓްތަކުން ވެސް ވަނީ ބޮޑެތި މައްސަލަތައް ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ