ދަގަނޑޭ އެނބުރި ވެލެންސިއާ އަށް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، އޭނާގެ ކެރިއަރު ފެށި ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ކްލަބްތަކަށް ކުޅުންތެރިން ރަޖިސްޓްރީކުރަން ކަނޑައަޅާފައިވާ ސުންގަނޑި މިރޭ 12 ޖަހާއިރަށް ހަމަވާއިރު ވެލެންސިއާ އިން ވަނީ އެ ޓީމުގެ ޓީމު ލިސްޓުގައި ދަގަނޑޭގެ ނަން ހިމަނައިފަ އެވެ.
ދަގަނޑޭގެ އިތުރުން މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ކްލަބް ވެލެންސިއާ އަށް ބަދަލުވަން އެއްބަސްވުމުން އޭނާގެ ނަން ވެސް ވަނީ އެ ޓީމުގައި ހިމަނައިފަ އެވެ. މިއީ ދަގަނޑޭ އާއި ސެންޓޭ އެކުގައި ނިއު ރޭޑިއަންޓް ނޫން ޓީމެއްގައި އެކުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދަގަނޑޭ އާއި ސެންޓޭ ވަނީ 2013، 2017، 2018 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ.
ދަގަނޑޭ ފުޓްބޯޅަ ކެރިއަރު ފެށީ އުމުރުން 16 އަހަރުގައި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި ވެލެންސިއާގެ ޖާޒީގަ އެވެ. ފުރަތަމަ ކުޅުނު މުބާރާތުގައި ވެސް ރަން މެޑަލް ކަރުގައި އަޅުވާލި އެވެ. އަދި 2005 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނުއިރު ދިވެހި ލީގު ހަތަރު ފަހަރު، ކަޕްވިނާސް ކަޕް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ހާސިލްކުރި އެވެ. ދަގަނޑޭ ވަނީ ވެލެންސިއާ އަށް ކުޅެދިން 109 މެޗުން 104 ގޯލު ޖަހައިފަ އެވެ.
ވެލެންސިއާ މެޗެއްގެ ތެރެއިން ދަގަނޑޭ (މ) ބޯޅަ ހިފައިގެންދަނީ.-
އޭނާ ދެން ބަދަލުވީ 2006 ގައި ނިއު އަށެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އަދި އެ އަހަރު ނިއު އިން ރިލީޒް ހޯދައިގެން ދުވަސްކޮޅަކު ބުރުނާއީގެ ޑީޕީއެމްއެމް އަށް ކުޅުނެވެ. އޭގެ ފަހުން ރެކޯޑް އަގެއްގައި 2008 ގައި ވީބީއާ ގުޅުނެވެ. ވީބީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ 2012 ވަނަ އަހަރު އެނބުރި ނިއު އަށް ދިޔަ އެވެ.
އޭގެ ފަހުން ދަގަނޑޭ ވަނީ މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެ 2014 ވަނަ އަހަރުގެ މެލޭޝިއާ ޕްރިމިއާ ލީގު ކާމިޔާބުކޮށްދީ އެ ޓީމު ސުޕަ ލީގަށް ޕްރޮމޯޓްކޮށްދީ އެ ގައުމުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދައިފަ އެވެ. ޖެހިގެން އައި އަހަރު އެ ޓީމު މެލޭޝިއާ ސުޕަ ލީގުގައި ވާދަކުރިއިރު އިރު ވެސް ތަފާތު ދެއްކި އެވެ. އޭނާ އެ ޓީމު ދޫކޮށްލީ އަނިޔާގެ ސަބަބުން 2016 ވަނަ އަހަރު ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. އެއަށް ފަހު އެނބުރި ރާއްޖެ އައިސް އެ އަހަރުގެ ދިވެހި ލީގުގައި މާޒިޔާއާ ގުޅި އެ ޓީމަށް ދިވެހި ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް ކުޅުނެވެ.
އަލުން 2017 ވަނަ އަހަރު ކެރިއަރުގައި ތިން ވަނަ ފަހަރަށް ނިއުއާ ގުޅި އެ ޓީމާ ކާމިޔާބުތަކެއް ހޯދުމަށް ފަހު 2018 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ނިއު އިން މުސާރަ ނުދޭ މައްސަަލައިގައި ރިލީސް ހޯދައި ޓީސީ އަށް ބަދަލުވި އެވެ. އަދި އެ ޓީމަށް ދިވެހި ޕްރިމިއާ ލީގު ތަށި ހޯދައިދިނުމުގައި އެހީތެރިވި އެވެ. މިދިޔަ ސީޒަނުގައި ދަގަނޑޭ ސީޒަން ފެށީ ގްރީން ސްޓްރީޓްސް އިންނެވެ. އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަށް ފަހު ދަގަނޑޭ ވަނީ އޭއެފްސީ ކަޕް ކުޅެން އަލުން ޓީސީ އަށް ބަދަލުވެފަ އެވެ. އެކަމަކު ފަހުން ކޮވިޑް-19އާ ހެދި އޭއެފްސީ ކަޕް ކެންސަލްވުމުން މިހާތަނަށް ހުރީ ޓީމަކާ ނުގުޅި އެވެ. އެކަމަކު ފިޓްނަސް ރަނގަޅު ކުރަން ރަނގަޅު ޓްރެއިނިންތަކެއް ދިޔައީ ހަދަމުންނެވެ.
މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގެ ހުރިހާ އުމުރުފުރަތާތަކެއްގައި ކުޅުނު ރަސްމީ މެޗުތަކާއި ހުރިހާ ޑިވިޝަނެއްގައި ކުޅުނު ކްލަބް މެޗުތައް ހިމަނައިގެން، މުޅި ދުނިޔޭން ހަ ވަނަ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތް ދަގަނޑޭ ވަނީ ކެރިއަރުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި 473 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދައިފައެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ ވަނީ ސަޕޯޓަރުންގެ ވޯޓާ އެކު އޭއެފްސީ ކަޕްގެ ދެ ޕޯލެއް ކާމިޔާބުކޮށްފަ އެވެ. ދަގަނޑޭ 2013 ވަނަ އަހަރު ނިއު އަށް ކުޅެމުން އޭއެފްސީ ކަޕްގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލު ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް ވުމުގެ އިތުރުން އޭއެފްސީ ބްރެކެޓް ޗެލެންޖް ވެސް ކާމިޔާބުކޮށްފަ އެވެ.
މިހާރު އެވޯޑްސް ހަފްލާއެއްގެ ތެރެއިން ވެލެންސިއާ ކުރީގެ ކޯޗު އަދި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ކ) އާއި ސެންޓޭ (މ) އަދި ދަގަނޑޭ ސެލްފީއެއް ނަގަނީ.-
ސެންޓޭ އެންމެ ފުރަތަމަ އީގަލްސް އަށް 2006 ވަނަ އަހަރު ކުޅުނު ނަމަވެސް އޭނާގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި 2007 ވަނަ އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅެފަ އެވެ. އެ ޓީމުގައި ހޭދަކުރި ސީޒަނުގައި އިސްމާއިލް އާސިފް (ކުޑަހީނާ)ގެ އިރުޝާދާ އެކު މޮޅު ކުޅުމެއް ދެއްކި އެވެ. ވެލެންސިއާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ސެންޓޭ ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އަދި ޖެހިގެން އައި ސީޒަނުގައި ވިކްޓްރީއާ ގުޅުނު ނަމަވެސް ލިބުނު އަނިޔާއަކާ ހެދި ގިނަ ދުވަހު ހުރީ ކުޅުމާ ދުރުގަ އެވެ.
އަލުން ދެ ވަނަ ފަހަރަށް 2013 ވަނަ އަހަރު ނިއުއާ ގުޅި 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅުނެވެ. އެ ހަތަރު އަހަރުގެ ތެރޭ ސެންޓޭ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ ހުރިހާ ތަށްޓެއް ނަގައި އަދި 2015 ވަނަ އަހަރު ނިއު އަށް ގައުމީ ތަށި މިލްކުކޮށްދޭން ފައިނަލުގައި ލަނޑު ޖެހި އެވެ. ނިއު ދޫކޮށް 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރު ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި އެވެ. އަދި ޖެހިގެން އައި ސީޒަނުގައި ފަހު ތިން ވަނަ ފަހަރަށް ނިއު އަށް ބަދަލުވެ 2017 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހާސިލްކުރި އެވެ. މިދިޔަ ސީޒަނުގައި އީގަލްސްއާ ގުޅި އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދިނުމުގައި ސެންޓޭގެ ދައުރު ބޮޑެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދާ ފުރަތަމަ ޑިވިޝަނަށް މި ސީޒަނުގައި ޕްރޮމޯޓްވި ވެލެންސިއާ ވަނީ ވަރުގަދަ ޓީމެއް އެކުލަވާލައިފަ އެވެ. މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅޭ ވެލެންސިއާ އިން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ފެންވަރު ރަނގަޅު ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ.
ކުރިއަށް އޮތް ސީޒަނުގައި ކްލަބް ވެލެންސިއާ އިން ފެންނާނެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ އަށް ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ނަސޫހު ރަޝީދު (ޕިލާ) އާއި މިިދިޔަ ސީޒަނުގައި މާޒިޔާ އާއި ޓީސީން ފެނުނު މުހައްމަދު ސާމިރުގެ އިތުރުން ގްރީން ސްޓްރީޓްސްގެ އަލީ ސަމްދޫހު މުހައްމަދު އަދި ދަ ގްރާންޑޭ އަށް ކުޅެފައިވާ އަހުމަދު އިމާޒް (އާއްކޮ) ހިމެނެ އެވެ.
އެފްއޭއެމުން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން އާ ސީޒަނުގައި ވެލެންސިއާ އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ ކްލަބް ގްރީންސްޓްރީޓްސްއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ