ނަރުދޫ އަށް ރާޅު އަރައި ގެއްލުންވެ، ދެ އާއިލާއެއް އެހެން ގެތަކަށް ބަދަލު ކޮށްފި

ށ، ނަރުދޫ އަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނަރުދޫ ކައުންސިލް މެންބަރު މުހައްމަދު ނިޒާރު "ވަން" އަށް މިއަދު ވިދާޅުވީ ރޭ ދަންވަރު 2:00 އިން ފެށިގެން އިރުއަރަންދެން އެރަށަށް ރާޅު އެރި ކަމަށެވެ. އަދި އަށް ގެއަކަށް ލޮނު ވަދެ ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ރޭގ ރާޅު އަރައި ލޮނު ވަތް ދެ ގެއަކުން މީހުން ބަދަލު ކުރަން ޖެހުނު ކަމަށާއި ލޮނު ވަދެ ގެއްލުން ލިބުނު އާއިލާތަކަށް ރަށުގެ ރައްޔިތުން ގުޅިގެން އެހީތެރިވަމުން އަންނަ ކަމަށެވެ.
ކަމާގުޅޭ ހުރިހާ މުއައްސަސާއަކަށްވެސް މިކަމުގެ މައުލޫމާތު ދީފައިވާ ކަމަށާއި ނަމަވެސް އަދި އެއްވެސް މުއައްސަސާއެއްގެ އެހީތެރިކަން ލިބިފައި ނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ ބޮޑު އެއްބާރުލުމާއެކު ރަށުގައި ހުރި ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސއްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަމާގުޅޭ ހުރިހާ މުއައްސަސާއަކަށްވެސް މައުލޫމާތު ފޯރުުށްދިނިން. އަދި އެބޭފުޅުންގެ އެހީތެރިކަމެއް ނުލިބޭ. ޑިޒާސްޓާ އަށްވެސް އަންގާފަ ވަނީ. އެބޭފުޅުން އިރުޝާދު ދެއްވީ ރަށުގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ފެން ހިއްކަން. ދެން ބަދަލު ކުރަން ޖެހުނު ދެ ގޭގެ މީހުންނަށް ވަގުތުން އާއިލާއިން އެހީތެރިކަން ފޯރުކޮށްދިން. ރޭ ދަންވަރުއްސުރެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މިއުޅެނީ ރަށުތެރެ ސާފުކޮށް އެންމެ ބޮޑަށް ލޮނު ވަދެފަ ހުރި ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ ސާފު ކޮށްދިނުމުގެ މަސައްކަތުގަ." އޭނާ ވިދާޅުވި އެވެ.
ނަރުދޫ އަށް ރާޅުއަރާފައި -- ފޮޓޯ: ނަރުދޫ ފޭސްބުކް ޕޭޖް
ނިޒާރު އިތުރަށް ވިދާޅުވީ ލިބުނު ގެއްލުންތަކުގެ ތަފްސީލެއް މިވަގުތު ހާމަކޮށްދޭން ނޭނގޭ ކަމަށާއި ނަމަވެސް ކައުންސިލުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މިރޭވެސް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ރައްޔިތުން އެކަމަށް ތައްޔާރުކުރުވުމުގެ މަސއްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
އާބާދީގައި 654 މީހުން ދިރިއުޅޭ ނަރުދޫ އަށް ރާޅު އެރިނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނަރުދޫ އަށް ރާޅު އަރައި ލިބުނު ގެއްލުމާއި އެހީތެރިކަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު ކައުންސިލާއި ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި ފެން ހިއްކުމަށް ދިމާވެފައިވާ ދަތިތައް ބަލައި ސިފައިންނާއި ފުލުހުންގެ އެހީތެރިކަން އެރަށަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިސާން ވިދާޅުވީ މިހާތަނަށް ރާޅު އަރައިގެން ގެއްލުންވެގެން އެ އޮތޯރިޓީއަށް ރިޕޯޓު ކޮށްފައިވަނީ ނަރުދޫން އެކަނި ކަމަށާއި އެހެނިހެން ރަށްތަކަށް ގުޅައިގެން މައުލޫމާތު ސާފު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށްތަކާއި އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި ރާޅުއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިއްސާރަވެ ކަނޑުވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މިކަންކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ