ޕްރޮސިކިއުޓާ ޖެނެރަލަށް އަނެއްކާ ވެސް އެމްޑީޕީގެ ފާޑުކިޔުން!

ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް މަސައްކަތް ކުރައްވާ އަދި ޖިނާއީ މައްސަލަތަކުގައި ދައުވާކުރެއްވުމުގައި ވެސް ހަމަހަމަކަމެއް ނެތް ބޭފުޅެއް ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުދަ ދުވަހުގެ ރޭ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށް މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވުމާ ގުޅިގެން ވެސް އެމަނިކުފާނަށް ފާޑުވިދާޅުވެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ޕެޓިޝަނެއް ވެސް ތައްޔާރުކުރި އެވެ.
އެމްޑީޕީން އުސް ފަސްގަނޑުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވަނީ މުއިއްޒާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް ވިދާޅުވެ، މައުމޫންގެ މައްސަލަތައް ނުބައްލަވަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވެފަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަކީ ސުލޫކީ މައްސަލަތަކާއި، "މީހަކު މެރުމުގެ ކުށުން ވެސް ކުށްވެރިވެފައިވާ މީހެއް" ކަމަށާއި އެފަދަ މީހެއްގެ މައްސަލާގައި ނަޝީދާ ދެކޮޅަށް ދައުވާކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ އޭގެ ތަފުސީލަށް ވަޑައިގެން ވިދާޅުވީ އަބްދުﷲ ގާޒީ މިނިސްޓަރަކު ޒިންމާދާރުކުރުވުމަށް ކަމަށް ވިދާޅުވެ، ކުށްވެރިއަކު ދޫކޮށްލުމުން އެ ކުށްވެރިޔާ މީހަކު މަރާލާފައިވާ ކަމަށެވެ.
"އެހެންވީމާ މިފަދަ ސިކުނޑި އުނި، ސިކުނޑީގެ ބަލި ޖެހިފައިވާ މީހަކު، އަޅުގަނޑު ދަންނަވާނީ އެކަހެރިއެއް ވެސް ނޫނޭ އަޅުގަނޑުމެން ގޮސް އޭނާ ތަނެއްގައި ބަންދުކުރަން ޖެހޭނީ،" އަފީފް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ އެކަހެރިކުރި މައްސަލާގައި ނަޝީދާ ދެކޮޅަށް ޕީޖީ އަށް ދައުވާނުކުރެއްވޭނެ ކަމަށާއި އެމަނިކުފާނު ބޭނުން ވަނީ މި ސަރުކާރުން ބޭނުންވާ ގޮތް ހެދުމަށް ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"މިހާރު އޮތް ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް. ބަޣާވާތް ކުރި އެންމެންގެ މައްސަލަ އޭނަ [މުއިއްޒު] އެބަ ޖެހޭ ތަހުގީގުކުރަން. އޭގެ ތެރޭގައި އަބްދުﷲ ޔާމީން، ގާސިމް އިބްރާހިމް، އުއްޗު ޗަމްޕާ، ހަސަން ސައީދާއި ޖަމީލާއި އިމްރާނު އަދި އިއްތިހާދޭ ކިޔައިގެން ތިއުޅޭ މީހުންގެ މައްސަލަ ބަލައި ދައުލަތުން ދައުވާކުރަން ޖެހޭ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބުރުއަރީ 7 ގެ މައްސަލަތައް ޕީޖީ ނުބެލުމަކީ ރައްޔިތުންނަށް ހިޔާނާތްތެރިވުން ކަމަށާއި ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ އިންތިހާބެއް މި ގައުމުގައި ނުބޭއްވޭނެ ކަމަށެވެ.
ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް ވިދާޅުވީ ނަޝީދާ ދެކޮޅަށް ދައުވާކުރުމަށް ކުރުމަށް ގާނޫނީގޮތުން ހުޅުމާލޭ ކޯޓަށް ހުށައެއްނޭޅޭނެ ކަމަށެވެ. ހުޅުމާލެ އަކީ ވަކި ރަށެއް ނޫން ކަމަށްވާތީ، އެއީ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޯޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީޖީން މައްސަލަ ފޮނުވާފައި މިއޮތީ އުފަން ނުވާ ކޯޓަށް. އެހެންވީމާ މިއީ ބަލައިގަނެވޭނެ މައްސަލައެއް ނޫން، ހަގީގަތުގައި އެއީ ހުރި ކޯޓެއް ވެސް ނޫން."
އޭނާ ވިދާޅުވީ މުއިއްޒު މައްސަލަތަކުގައި ދައުވާކުރައްވަން ފޮނުއްވާ ގޮތާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ދައުރުގައި ހިނގަމުން އަންނަ މައްސަލަތައް ވެސް ނުބައްލަވައި ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގެ ކަންކަން ޕީޖީން ބައްލަވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ދައުރުގައި ޖަލުތަކުގައި ވެސް ގާނޫނާ ހިލާފަށް ކުރެއްވި ކަންކަން އެއްކައިރިކުރައްވައި ނަޝީދުގެ ޑިފެންސް މިނިސްޓަރުގެ މައްޗަށް ދައުވާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މައްސަލަތައް ބެލުމުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ހަމަހަަމަ ނެތް ކަމަށެވެ. އެހެންވެ ހަމަހަމަކާއި އިންސާފުވެރި އަދި މީހުންނަށް ބުއްދި ގަބޫލުކުރެވޭ ގޮތަށް ކަންކަން ކުރެއްވުމަށް އެ ދެ މުއައްސަސާ އަށް ވެސް އޭނާ ގޮވާލެއްވި އެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މައްސަލަތައް ކުރިއަށް ގެންދަން ޖެހޭގޮތް މުއިއްޒަށް ދަސްކޮށްދެއްވަން ޖެހޭ ކަމަށެވެ. އެގޮތުން މުއިއްޒު ދިރިއުޅުއްވާ ގެއަށް ގޮސްގެން ނަމަވެސް ޓިއުޝަން ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ [ޓިއުޝަން] ދީފައި، އޭނާ ފާސްނުވެއްޖެ ކަމަށް ވަންޏާ، އޭނަ އެތަނުން [މަގާމުން] ބޭރުކުރުމަށް އަޅުގަނޑު ގައުމީ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ގޮވާލަން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދާ ދެކޮޅަށް ކުރައްވާފައި ވަނީ "ތާކުންތާކު ނުޖެހޭ ދައުވާއެއް" ކަމަށާއި އެ ދައުވާ ބެލުމަށް ފޮނުވާފައި ވަނީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއަކަށް ކަމަށެވެ. އެތަނުގައި ގޮނޑިއަކާއި މޭޒެއް ބަހައްޓާނެ ޖާގައެއް ނެތް ކަމށް ވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒަށް އެމްޑީޕީން ފާޑުކިޔާފައިވާއިރު، އޭނާ މަގާމުން ވަކިކުރެއްވުމަށް ސަރުކާރަށް ތާއީދުކުރާ މަދަނީ އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ