ނިއު ނޯމަލް، މެންބަރުންނަށް އާ ކަމެއް: ނަޝީދު ވިދާޅުވަނީ ދުވަސްކޮޅަކުން އާދަވާނެ ކަމަށް!

މާސްކު އަޅައިގެން މީގެކުރިން ދުވަހަކުވެސް މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ވާހަކަދައްކަވާފައެއް ނުވެއެވެ. މެންބަރުން އަބަދުވެސް ތިއްބަވަނީ ދެ މެންބަރަކު ޖެހިޖެހިގެން ވަރަށް ގާތުގައެވެ. ސަމާސާ ކޮށް އެއް މެންބަރަކު އަނެއް މެންބަރަކު ވާހަކަ ދައްކާލާ އުޅެއެވެ. ނަމަވެސް މިއަދު މިއޮތީ ހާލަތު ބަދަލުވެފައެވެ. ކޮވިޑް19 ގެ ސަބަބުން މިއަދު މަޖިލީހުގައި މިވަނީ ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ފުރަތަމަ ފަހަރަށް ޖަލްސާއެއް ބާއްވާފައެވެ.
މި ޖަލްސާ ފުރަތަމަ ބާއްވަން އުޅުމުން ހުދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންވެސް ނުރުހުން ފާޅުކުރެއްވިއެވެ. މާލެ ސިޓީ ލޮކްޑައުންގައި ވަނިކޮށް މަޖިލިސް ޖަލްސާތައް ތަޅުމުގައި ބާއްވާތީއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ތިއްބެވީ ދުރުދުރުގައެވެ. އަދި ވާހަކަދައްކަވަން ޖެހެނީ މާސްކު އަޅައިގެންނެވެ. އެކަމާއި ގުޅިގެން ބައެއް މެންބަރުން ވަނީ މާސްކު އަޅައިގެން ވާހަކަދައްކަން އުނދަގުވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާސްކު އަޅައިގެން  ވާހަކަދައްކަވަން އުނދަގޫވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެދިވަޑައިގަންނަވަނީ މާސްކުގައި ތިއްބަވައިގެން މިކަން ކޮށްދެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
“މިކަމުގަ ޑޮކްޓަރުންގެވެސް ހުރީ ތަފާތު ހިޔާލުތައް. އެންމެ ފުރަތަމަ ޑޮކްޓަރުން މުޅި ދުނިޔޭގަވެސް ބުނަމުން ދިޔައީ މާސް ނާޅަން. މިހާރު ބައެއް ގައުމުތަކުގަ މާސްކް ނާޅައި އުޅުންވެސް ވަނީ މަނާކޮށްފަ.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާސްކް އަޅައިގެން މެންބަރުންނަށް ވާހަކަ ދައްކަން އުނދަގުވާނެތީ މެންބަރުން ވާހަކަދެއްކެވުމަށް ދީފައިވާ ވަގުތުވެސް އިތުރު ކުރައްވާނެ ކަމަށެވެ.
“ހިސާހިތަކު މާސްކަ އަޅައިގެން ވާހަކަދެއްކުމުގެ ހުނަރު. އަޅުގަނޑުމެންނަށް ލިބޭނެ. އަޅުގަނޑު ލަފާކުރާ ގޮތުގައި މިއަދު ނިމޭއިރު އަޅުގަނޑުމެން މިކަމަށް ވަރަށް ތައްޔާރުވެ ތިބޭނީ. ދެން އަޅުގަނޑު އެބަ ބަލަން ޓެކްނިކެއް ލިބޭތޯ. އަޅުގަނޑަށް ހަމަ ލިބޭއިރަށް އިއްޒަތްތެރި މެމްބަރުންނަށް އެ ޓެކްނިކް ހިއްސާ ކުރާނަން.” ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ