ހުޅުދޫ މީދޫ ރައްޔިތުން ބޭސް ފަރުވާއަށް އަދިވެސް ކުރަން ޖެހެނީ އާދޭސް!

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އަބަދުވެސް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ބޭސް ފަރުވާގެ ދަތި ކަމެވެ.
މަދު ސިއްޙީ ވަސީލަތްތަކަކާއެކު، މި ދެރަށުގެ ގިނަ ރައްޔިތުން އަދިވެސް ބަރޯސާ ވާން ޖެހެނީ ގުޅިފައިވާ ރަށްތަކުން ލިބޭ ޚިދުމަތްތަކަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއެކު، މި ދެރަށުގެ ރައްޔިތުންވެސް މިވަނީ ރަށު ބަންދުވެފައެވެ. ބޭސް ފަރުވާ ލިބިގަތުމަށް އާދޭސް ކުރަން މަޖުބޫރު ވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތައް ދުވަހަކަށް ފަހު ހުޅުދޫ އަދި މީދޫގެ ރައްޔިތުން ގުޅިފައިވާ ރަށްތަކުން ބޭސް ފަރުވާގެ ޚިދުމަތް ލިބިގަތުމަަށް ދެ ފެރީ ބޭއްވިފައިވެއެވެ. ނަމަވެސް 50 ޖާގައިގެ މި ދެ ފެރީއިން ވެސް ޖާގަ ލިބިފައިވަނީ ހަމަ އެކަނި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އެޕޮއިންޓްމެންޓް ލިބިފައިވާ ފަރާތްތަކަށެވެ. މިކަން މިގޮތަށް ހަމަޖައްސާފައިވަނި އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުންނެވެ. އެހެންކަމުން، ޕްރައިވެޓް ކްލިނިކަކުން ފަރުވާ ކުރާ ފަރާތްތަކަށް އޮތް ގޮތަކީ ހާހުން ފައިސާ ދައްކައިގެން ކުއްޔަށް ލޯންޗެއް ހިފައިގެން ދަތުރު ކުރުމެވެ. އަދި މިފަދަ ތަނަވަސްކަމެއްވެސް ނެތް ފަރާތަކަށް އޮތީ ރަށުގެ ބޭސް ފިހާރައިން ޕެނަޑޯލް ގުޅައެއް ކާލައިގެން ހަމްދު ކޮށްލުމެވެ.
އަދި ފެރީއިން ޖާގަ ލިބުނު ނަމަވެސް ހޮސްޕިޓަލުން މިފަރާތްތަކަށް އެޕޮއިންޓްމެންޓް ލިބުންވެސް އެހާ ދަތިކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެގޮތުން ފެރީއިން ޖާގަ ލިބޭ ދުވަހަކު ހޮސްޕިޓަލުން އެޕޮއިންޓްމެންޓެއް ނުލިބޭ ކަމަށާއި، އެޕޮއިންޓްމެންޓް ލިބޭ ދުވަހަކު ފެރީއިން ޖާގައެއް ނުލިބޭކަމަށް އެފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
މީގެ އިތުރުން މިފަރާތްތަކުން ގުޅިފައިވާ ރަށްތަކާއި ހަމައަށް އައުމަށްފަހު ހޮސްޕިޓަލާއި ހަމައަށް ދަތުރު ކުރުމަށް ނަގަން ޖެހޭ ޕަރމިޓްތައް ލިބުމުގަައިވެސް ދަތި ތަކާއި ކުރިމަތިލާން ޖެހޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ. މިރަށްތަކުގައި ދަތުރު ކުރުމަށް ނަގަން ޖެހޭ ޕާމިޓް ތަކަކީ އޮންލައިންކޮށް އެދެން ޖެހޭ ޕަރމިޓްތަކެކެވެ. އެހެންކަމުން ސްމާޓް ފޯނު ނުވަތަ ޑޭޓާ ނެތް ފަރާތްތަކަށް ޕަރމިޓަށް އެދެވޭނެ ގޮތެއް ނެތް އިރު، މިފަދަ ފަރާތްތަކަށް ފުލުހުންގެ އިދާރާއަށް ގުޅައިގެންވެސް ކުރިއަށް ދެވޭނެ މަގެއް ނެތެވެ.
ނަމަވެސް އާދޭހަކުންވެސް މިރައްޔިތުންނަށް ލިބުނު ލުޔެއް ނެތެވެ. އެކި އިދާރާތަކަށް ގުޅައިގެން ފޯނުގެ ލާރިކޮޅު ހުސްވާއިރު ވެސް ކުރިއަށް ދެވޭނެ މަގެއް ނުދެއްކެއެވެ. އަދި މިހާރުގެ އާދަ މަތިން މަތިން ސޯޝަލް މީޑިއާގައި ލިޔެގެން ޚަބަރުތަކުގެ ފަލަ ސުރުޚީއަށް ޝަކުވާތައް އަރުގައިގެން ނޫނީ މިކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދެއް ވެސް މިރައްޔިތުންނަކަށް ނެތެވެ.
ކޮންމެ ސަރުކާރެކޭ އެއް ފަދައިން، މިސަރުކާރުގައިވެސް ރައްޔިތުންނަށް އޮތީ ބޭސް ފަރުވާއަށް ސަލާން ޖަހައި އާދޭސް ކުރުންތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ