ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީއަތް ފަށައިފި

ގުދުސް (މެއި 25) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޮރަޕްޝަން ޝަރީއަތް ގުދުސްގައި އިއްޔެ ފަށައިފި އެވެ.
ބޮޑުވަޒީރުކަމުގެ އާ ދައުރެއް ދާދި ފަހުން ފެއްޓެވި އުމުރުން 70 އަހަރުގެ ނަތަންޔާހޫ އަކީ ވެރިކަމުގައި ހުންނަވަނިކޮށް ޝަރީއަތެއް ހިންގާ އިޒްރޭލުގެ ފުރަތަމަ ބޮޑު ވަޒީރެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ރިޝްވަތު ހިފުމާއި މަކަރާއި ހީލަތް ހެދުން އަދި އިތުބާރު ގެއްލުވާލުމުގެ މައްސަލަތަކެކެވެ.
ކޯޓަށް ވަޑައިގެން ނަތަންޔާހޫ ވިދާޅުވީ އޭނާއާ ދެކޮޅަށް ޝަރީއަތް ހިންގުމުގެ ބޭނުމަކީ "ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ވެރިކަން ވައްޓާލުން" ކަމަށެވެ. އެއް ގަޑިއިރަށް ކުރިއަށް ދިޔަ ޝަރީއަތުގައި، މާސްކް އަޅައިގެން ހުންނެވި، ނަތަންޔާހޫ ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ވަނީ ވިޔަފާރިވެރިއެއްގެ އަތުން ހަދިޔާ ހޯދައި އޭނާ އަށް ފަހިވާ ގޮތަށް ސަރުކާރުގެ ތެރޭން ކަންތައް ކޮށްދިން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، ބެޒެގް އަށް ފަހިވާ ގޮތަށް ސަރުކާރުގެ ކޮންޓްރެކްޓަށް ދީފައިވުން ހިމެނެ އެވެ. އެއީ ބެޒެގުގެ ސަބްސިޑަރީ ނިއުސް ވެބްސައިޓެއް ކަމަށްވާ ވައްލާ އިން ނަތަންޔާހޫ އާއި އަނބިކަނބަލުންނަށް ފަހިވާ ގޮތަށް ކަވަރޭޖެއް ގެނެސްދިނުމަށް ޝަރުތުކޮށްފަ އެވެ.
ނަތަންޔާހޫގެ ވަކީލުން ބުނެފައި ވަނީ ދައުވާ އަށް ތައްޔާރުވުމަށް މަސްތަކެއް ބޭނުންވާ ކަމަށެވެ. އެކަމަކު ދެ ވަނަ އަޑުއެހުން ވަނީ ޖުލައި 9 އަށް ތާވަލްކޮށްފަ އެވެ.
ބޮޑު ވަޒީރުކަމުގެ އާ ދައުރެއްގެ ހުވާ ނަތަންޔާހޫ ކުރެއްވީ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސިޔާސީ ވާދަވެރިޔާ ބެނީ ގާންޒާ އެކު ބާރުތައް ހިއްސާ ކުރުމުގެ އެއްބަސްވުމެއް ގާއިމްކުރީ އަހަރެއްގެ ތެރޭ ތިން ފަހަރު އިންތިޚާބު ބާއްވައިގެން ވެސް ސަރުކާރެއް އުފެއްދޭ ވަރަށް އެއްވެސް ޕާޓީއަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުލިބުމުންނެވެ. އެއްބަސްވުމުގައިވާ ގޮތުން 18 މަހަށް ފަހު ބޮޑު ވަޒީރު ބަދަލުވާނެ އެވެ. އެ މުއްދަތަށް ފަހު ގާންޒަށް ބޮޑު ވަޒީރުކަން ލިބޭ އިރު ނަތަންޔާހޫ ވާނީ އޭނާގެ ނައިބަކަށެވެ.
ކޮރަޕްޝަނުގެ މައްސަލަތައް ފެށުމާ އެކު އިސްތިއުފާ ދިނުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި ނަމަވެސް ނަތަންޔާހޫ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.
އިޒްރޭލުގެ ގާނޫނު ބުނާ ގޮތުން ބޮޑު ވަޒީރާ ދެކޮޅަށް ދައުވާއެއް ކުރި ނަމަވެސް އިސްތިއުފާ ދޭކަށް ނުޖެހެ އެވެ. ކުރީގެ ބޮޑު ވަޒީރު އިހުދު އޮލްމާޓާ ދެކޮޅަށް 2008 ވަނަ އަހަރު ކޮރަޕްޝަނުގެ މައްސަލައެއް ބަލަން ފެށުމުން ޕާޓީގެ ލީޑަރުކަމުން އޭނާ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ އިންތިޚާބާ ހަމައަށް ބޮޑުވަޒީރު ކަމުގައި ދެމި ހުންނެވި އެވެ. ނަތަންޔާހޫ އަށް ވެރިކަން ލިބުނީ އެ އަހަރު ބޭއްވި އިންތިޚާބުގަ އެވެ. ދަށު ކޯޓުގެ ހުކުމަކުން ނަތަންޔާހޫ ކުށްވެރިވި ނަމަވެސް، ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރަންދެން އޭނާ އަށް މަގާމުގައި ހުންނެވޭނެ އެވެ.
ކަނާތު ފިޔައިގެ ލިކޫޑް ޕާޓީގެ ލީޑަރު ނަތަންޔަހޫ އަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑު ވަޒީރެވެ. އޭނާ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން ބޮޑު ވަޒީރުކަން ކުރައްވަމުންނެވެ. ނަތަންޔާހޫ ވަނީ 1996-1999 އަށް ވެސް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ