"ކޮވިޑަށް ޓެސްޓުކުރުމުގެ ހުއްދަ ނުދިނުމުން ދޭހަވަނީ ސަރުކާރަށް ވިޔަފާރިތަކާއި ރައްޔިތުން މުހިންމު ނޫންކަން"

ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ ކުލިނިކެއް ކަމަށްވާ އެއިމްސް ކުލިނިކަށް ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އެންގުމުން ދޭހަވަނީ މި ސަރުކާރަށް ރައްޔިތުން މުހިންމު ނޫންކަން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެއިމްސް ކުލިނިކުގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވީ، އެ ކުލިނިކުން އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަނގަބަހުން ޖަވާބުދީފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ޗެމްޕއަނުން ކަމަށް ހެދިގެން އުޅޭ ސަރުކާރުގެ ހާލު ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކަށްވެ، އަތޮޅުތެރެ ވުމުން ސަރުކާރަށް އެކަން ގޯސްވެއްޖެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ސަރުކާރުން މިފަަދަ އަގުހުރި މަސައްކަތްތަކަށް ހުރަސް އެޅުމުން ދޭހަވަނީ ވިޔަފާރިތަކާއި ރައްޔިތުން މުހިންމު ނޫންކަން. ގޯސްވީ އެކަން ކުރަން އުޅުނުތަނާއި ވިޔަފާރިބާ؟،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގު ކުރައްވައި ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އެއިމްސްއަށް ދެވެން ނެތް ކަމަށް ސަރުކާރުން އެންގީ ވެސް ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައި، އެކަމުގެ ހުއްދައަށް އެއިމްސްއިން އެދިފައިވާތާ ހަފުތާއެއް ފަހުންނެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ އައްޑޫ ސިޓީގައެވެ. އަދި އައްޑޫ ސިޓީގައި މިވަގުތު ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައިނުވާއިރު އަމިއްލަ ފަރާތަކަށް އެކަން ކުރުމުގެ ހުއްދަ ނުދޭން ނިންމުމުން މަޖިލިސް މެންބަރުން ހިމެނޭހެން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިހުސާން ވިދާޅުވި ގޮތުގައި ހުއްދަ ނުދޭނެ ކަމަށް ހެލްތު މިނިސްޓްރީން އެންގިއިރު އެ ސެންޓަރު އޮތީ ކޮވިޑަށް ޓެސްޓު ކުރުމަށް ތައްޔާރީ ހާލަތުގައެވެ. އެގޮތުން ކޮވިޑުގެ ޓެސްޓު ކުރުމަށް ގެނައި އެންޓި-ބޮޑީ ޓެސްޓުތަކަށް ހާއްސަކޮށްފައިވާ މެޝިނުން ގަޑިއިރަކަށް 36 ޓެސްޓު ހެދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އައްޑޫގައި ޕީސީއާރު ޓެސްޓު ހެދުމުގެ އިންތިޒާމުތަކާއި، އެންޓި ޖީން ޓެސްޓުތައް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ ކުލިނިކުން ތައްޔާރަށް އޮތް ކަމަށް އިހުސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ