ހިސްޓޯ ދިއުމަކީ ލިބުނު ބޮޑު ގެއްލުމެއް: ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމް އިން ވަކިވެ، ޖޭޕީއާ ގުޅިވަޑައިގެންނެވުމަކީ ޕީޕީއެމަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ހިސްޓޯ ޖޭޕީއާ ގުޅި ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރެގައި އިލެކްޝަންސްގައި ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޔާމީން ވިދާޅުވީ ހިސްޓޯއަކީ ހީވާގި ކަމާއެކު ޕީޕީއެމަށް ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެފަދަ މުހިންމު ބޭފުޅަކު ޕާޓީން ވަކިވެގެން އެހެން ޕާޓީއަކަށް ވަޑައިގެންނެވުމަކީ ޕީޕީއެމްއަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ދެކެ ވަޑައިގަންނަވަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މިއަދު ހެނދުނު ޖުމްހޫރީ ގުޅުމުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޕީޕީއެމް ދޫކޮށް ޖޭޕީއާ ގުޅިވަޑައިގަތީ ޕީޕީއެމާމެދު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. ޕާޓީން ވަކިވެ ވަޑައިގަތުމުގެ ކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލު ކުރައްވާ އެވާހަކަ ކުރިން ދަންނަވާފައިވާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ޖޭޕީގައި ތަފާތު ސިޔާސީ ފިކުރާއި ތަޖުރިބާ އެބައޮތް ކަމަށާއި އެއާ ހިލާފަށް ރައީސް މައުމޫންގެ ވިސްނުންފުޅާ ޕީޕީއެމްގެ އާ ލީޑާޝިޕްގެ ވިސްނުމާ މިހާރު ދިމާ ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ