ތަހުގީގު މުއްދަތު އިތުރު ކުރުމަށް ރަސްމީކޮށް އަދި ނޭދޭ: އިންކުއައިރީ ކޮމިޝަން

ކުރިން ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތް ނުނިންމޭނެ ކަން ކަށަވަރުވީ ނަމަވެސް މުއްދަތު އިތުރު ކުރުމަށް ރަސްމީކޮށް އަދި ހުށަހަޅާފައި ނުވާ ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއައިރީން ބުނެފިއެވެ.
އިންކުއައިރީ ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ މެމްބަރު ޑރ.އިބްރާހީމު ޔާސިރު މިއަދު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތްތަކަށް ދީފައިވާ މުހުލަތު އިތުރު ކުރުމނަށް ރަސްމީކޮށް ކަމާ ބެހޭ ފަރާތްތަކުގައި ނޭދި މަޑުކުރަމުންދަނީ މަސައްކަތްތައް ނިންމާލެވޭނެ ސީދާ ތާރީހެއް ކަނދައެޅިފައި ނުވާތީ ކަމަށެވެ.
ޑރ.ޔާސިރު ވިދާޅުވީ، މަސައްކަތް ނިންމޭނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ވަރަށް ބޮޑަށް މަސައްކަތް ކުރަން މިމަހުގެ ނިޔަލަށް އިންޓަވިއުތައް ނިންމާލުމަށް، 17 ދުވަސް ގެއްލުމަކީ މުއްދަތު އިތުރު ކުރަން އެދޭނެ އެއްސަބަބު، ދެން އަނެއް ސަބަބަކީ ރިޕޯޓު ލިޔުމުގައި ކިހާ ދުވަހެއް ނަގާނެތޯ، އެއީ އަޅުގަނޑުމެން ނުނިންމާ އޮތް ކަމެއް. އެޑިސްކަސް ކުރުމަށްފަހު އަޅުގަނޑުމެން ސަރުކާރަށް ހުށަހަޅާނަން" ޔާސިރު ވިދާޅުވިއެވެ.
ސީއެންއެމްގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ފައްވާޒު އަލީ ޝަރީފު ވިދާޅުވީ، މިމަހުގެ ވިހިން ފެށިގެން ރޯދަ މަސް ފެށުމައި ގުޅިގެން ކޮމިޝަންގެ މެމްބަރުން ކުރި މަސައްކަތް ކުރަމުން އައި ގޮތަށް ހެނދުނު 8 ރޭގަނޑު 9 އަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެހުރިހާ ކަމަކަށް ބަލާ އިރު، 17 ދުވަސް މަދުވެދާނެ ކަމަށް ޑރ.ފައްވާޒު ލަފާ ކުރެއްވި އެވެ.
ކޮމިޝަންގެ މަސައްކަތްތައް މިހާތަނަށް އައިއިރު 224 މީހަކާއި 152 މިނުޓުގެ އިންޓަވިއު ކުރެވިފައިވާ ކަމަށް ފައްވާޒު ވިދާޅުވިއެވެ. ނަންނޯޓު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް އިންޓަވިއު ނުކުރެވި ހުރީ 60 މީހަކާ ކަމަށް ވެސް ފައްވާޒު ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތްތައް އަންނަ އޮގަސްޓުމަހުގެ ނިޔަލަށް އެންމެ ލަސްވެގެން ނިންމާލެވޭނެ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެ ތާރީހު މާލަސް ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އަދި ކޮމިޝަނަށް ގެއްލިފައިވަނީ 17 ދުވަސް ކަމަށާއި ކޮމިޝަނުން ނަގަން ޖެހޭނީ ވެސް އެވަރުގެ މުއްދަތެއް ކަމަށް ވެސް ސީއެންއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ