ޓޫރިސްޓުން ރާއްޖެއައުން ބޮއިކޮޓްކުރަން ގޮވާލުމުން ފްރެންޑްސް އޮފް މޯލްޑިވްސް އިން ދެކޮޅު ހަދައިފި

ޓޫރިސްޓުން ރާއްޖެއައުން ބޮއިކޮޓްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން، ފްރެންޑްސް އޮފް މޯލްޑިވްސް (އެފްއޯއެމް) އިން އެކަމާ ދެކޮޅު ހަދައިފި އެވެ. ނަޝީދުގެ ގާތް އެކުވެރިއެއް ކަމަށްވާ ޑޭވިޑް ހާޑިންހަމް އުފައްދާފައިވާ އެފްއޯމްއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުގައި ބުނެފައި ވަނީ މުޅި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމާ ދެކޮޅުހަދާ ކަމަށެވެ. "އަހަންނަކަށް ހިއެއްނުވޭ އަދި އެ ހިސާބަށް ދިޔަ ހެނެއް،" އެ ޖަމިއްޔާގެ ފައުންޑާ ހާޑިން ހަމް ވިދާޅުވެފައިވެ އެވެ. "އެއީ އަހަރެމެން ކަހަލަ މީހުންނަށް ބުނަން ވަރަށް ފަސޭހަ ވާހަކައެއް ރާއްޖެ ނުދާށޭ ބުނުމަކީ. އެކަމަކު އެއިން އަސަރުކުރާނީ ދިވެހި ރައްޔިތުންނަށް. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ނިންމަން ޖެހޭނީ ދިވެހި ރައްޔިތުން އަމިއްލައަށް." ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތްވަނަ ދުވަހު ބަދަލުވުމާއެކު ވެރިކަން ބަދަލުކުރުމަށް އެހީތެރިވިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ރިސޯޓްތަކަށް ނުދިއުމަށް އެފްއޯއެމް އިން އިނގިރޭސިންނަށް ގޮވާލާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. ޓެލެގްރާފްގައި ބުނެފައި ވަނީ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލުމުން އެކަމުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ 30 ޕަސެންޓް ހިއްސާކުރާ ދާއިރާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. ފައިނޭންޝަލް ޓައިމްސް އަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި، ޓޫރިސްޓުން ރާއްޖެ ބޮއިކޮޓްކުރުމަށް ކުރީގެ ރައީސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ. "އަޅުގަނޑު ބުނަން އޮތީ ޗުއްޓީ އަށް ރާއްޖެ އައުމަށް ހަދާފައިވާ ބުކިންސްތައް ކެންސަލްކޮށްލާށޭ. އަދި ރާއްޖެ އައުމަށް ބުކިންސް ހަދަން ގަސްދުކުރާ ފަރާތްތަކަށް ވެސް ބުނެލަން އޮތީ ތިކަން ހުއްޓާލާށޭ، ރާއްޖޭގައި އޮތީ ގާނޫނީ ސަރުކާރެއް ނޫނޭ،" ނަޝީދާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ. އިންޓަވިއުގައި ނަޝީދު ވަނީ ރާއްޖެ އަށް ތާލިބާނުންގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ