ސްރީލަންކާއަށް ބޭނުންވަނީ ތަޖުރިބާކާރު ވެރިއެއް: ރައީސް ނަޝީދު

އަވައްޓެރި ސްރީލަންކާއަށް ބޭނުންވަނީ ތަޖުރިބާކާރު ވެރިއެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއީ ސްރީލަންކާއަށް ވަރަށް ހަލަބޮލި ދަނޑިވަޅެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ ކާރިސާއިން އަރައިގަތުމަށް ބޭނުންވަނީ ތަޖުރިބާކާރު ވެރިއެއްކަމަށެވެ. އަދި މި އަޑިގަނޑުން އަރައިގަނެ ކުރިޔަށްދާނެ ރަނގަޅު ގޮތެއް ސްރީލަންކާގެ ރައްޔިތުން ހޯދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެެ.
ރައީސް ނަޝީދު ވަނީ، މިދިޔަ މެއި މަހު ލަންކާއަށް ވަޑައިގެން، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވާ އެގައުމުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާވެސް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި، ސްރީލަންކާއަށް ބޭނުންވާ ބޭރުގެ މާލީ އެހީއާއި އެނޫންވެސް އެހީތައް ހޯއްދަވައި ދެއްވުމުގައި އެހީތެރިވެދެއްވުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ. އަދި އެކަން ބޮޑުވަޒީރު ރަނިލް ގަބޫލުކުރައްވައި، ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތްތައް ވިލަރެސްކުރައްވަން ރައީސް ނަޝީދު ވަނީ އައްޔަން ކުރައްވާފައެވެ.
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން ރަނިލް ވިކްރަމަސިންހަ އިއްޔެ ވަނީ އިއުލާން ކުރައްވާފައެވެ. ރަނިލް ވިދާޅުވެފައިވަނީ، ސަރުކާރުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ހުށަހެޅުއްވުން ގަބޫލު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ރުޅިވެރިކަން ފާޅުކުރުމަށް ކޮޅުބުގަ ވަނީ އެތައް ހާސް ބަޔަކު އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާތައް ފަށާފައެވެ. މި މުޒާހަރާތަކުގެ ތެރެއިން ކޮޅުނބުގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅަށް ވަދެގަނެ އެތަން ވަނީ ހިސާރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ