9،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ އޯލެވެލް އިމްތިހާނުތައް ފަށައިފި

އަހުމަދު ހަމްދޫން
ނުވަ ހާހަށް ވުރެ ގިނަ ކުދިން ބައިވެރިވާ ސެކަންޑަރީ ތައުލީމު ނިންމާ ކުދިންގެ އިމްތިހާނުތައް ބުރާސްފަތި ދުވަހު ރާއްޖޭގައި ފަށައިފި އެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި އިމްތިހާނުތަކުގެ ތެރޭގައި ހިމެނެނީ ކެމްބްރިޖް އޯލެވެލާއި އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިހާނެވެ. ސެކަންޑަރީ އިމްތިހާނުތައް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ބާއްވާފައި ވަނީ ކެމްބްރިޖް އޯލެވެލްގެ ކެމިސްޓްރީ އިމްތިހާނެވެ. އަދި އިމްތިހާނުތައް ނިންމުމުގެ ގޮތުން އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނާނީ އާޓްސް އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވީ ސެކަންޑަރީ ތައުލީމު ނިންމާ ކުދިންގެ އިމްތިހާނުތަކުގައި މި އަހަރު 120 ސެންޓަރަކުން 078' 9 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ކެމްބްރިޖް އޯލެވެލް އިމްތިހާނާއި އައި.ޖީ.ސީ.އެސް.އީގައި 119 ސެންޓަރަކުން 886' 8 ކުދިން ބައިވެރިވެފައި ވެއެވެ. އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވެފައި ވަނީ 112 ސެންޓަރުން 455' 7 ކުދިން ކަމަށް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވި އެވެ.
އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު މުހައްމަދު ވަހީދު ވިދާޅުވީ މާލޭގައި މި އަހަރުގެ ހުރިހާ އިމްތިހާނުތައް ބާއްވާނީ ސްކޫލުތަކުގައި ކަމަށެވެ.
"މި ފަހަރު ދަރުބާރުގެއެއް ނުލިބުނު. އެހެންވެ އިމްތިހާނުތައް މާލޭގައި ކުރިއަށް ގެންދާނީ ބޮޑު 10 ސްކޫލެއްގައި،" ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިމްތިހާނު ކަމަށްވާ ކެމްބްރިޖް އޯލެވެލްގައި މި އަހަރު ހަތް ރަށަކުން މުޅިން އަލަށް ބައިވެރިވެފައި ވެއެވެ. އެއީ ލ. މާމެންދޫ އާއި ވ. ކެޔޮދޫ އާއި ގދ. މަޑަވެއްޔާއި ދ. ބަނޑިދޫ އާއި ބ. ކެންދޫ އާއި ށ. ފީވަކާއި އަދި އެ އަތޮޅު ފޯކައިދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ