އައްޑޫގެ ވަރަށް ގިނަ ބަޔަކު ދަންނަ މީހެއް ކަމަށްވާ މަރަދޫފޭދޫ އަލީ ރިޒާ (ރިޒާބެ) ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރިޒާބެ ނިޔާވިކަން އެނގުނީ ހެނދުނު ހޭނުލައިގެން އާއިލާގެ ބަޔަކު ބެލި އިރު އެވެ.
ރިޒާބެ، 71، ގެ މަރާ ގުޅިގެން މަރަދޫފޭދޫގެ ވަރަށް ގިނަ ބައެއްގެ އިތުރުން ރިޒާބެ ދަންނަ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
ރިޒާބެއާ ބެހޭ ގޮތުން މަރަދޫފޭދޫ ޒުވާނަކު މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރިޒާބެ އަކީ އަބަދު ވެސް ޤައުމީ ރޫހުގައި ހަރުދަނާކަމާ އެކު ދިވެހި ޤައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކޮށް ދެއްވައި، އުފަން ރަށުގެ ތަރައްގީ އާއި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ލޮބުވެތި ފަރާތެއް ކަމަށެވެ. އެހެންވެ ރިޒާބެގެ ވަކިވުމަކީ ރަށަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށެވެ.
"ރިޒާބެ އަކީ ހިތްވަރު ގަދަ، ހީވާގި އަދި ޤައުމީ ލޯބިން ފުރިފައިވާ، އާދަޔާ ޚިލާފު ޚިދުމަތްތެރިއެއް،" އޭނަ ލިޔެފައިވެ އެވެ. "ރިޒާބޭގެ ވަކިވުމަކީ، އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންދާނެ ކަމެއް ނޫން. ރިޒާބޭގެ ޚިދުމަތްތަކާއި ހަނދާންތައް އަބަދުވެސް ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ރަން އަކުރުން ލިޔެވިފައިވާނެ. ޚާއްސަކޮށް ރިޒާބޭގެ އުފަން ރަށުގެ ކޮންމެ މީހެއްގެ ހިތުގައި ވެސް، ރިޒާބެގެ ހަނދާން ދިރިހުންނާނެ. ރިޒާބެގެ އުފަން ރަށަށް ދެއްވި ޚިދުމަތްތަކުގެ ސަބަބުން، ރަށުގެ ކުރިއެރުމަށް އެޅުނު ހަރުދަނާ ބިންގަލުގެ ހެކިތައް ފެންނަމުންދާނެ."
ރިޒާބެ އަކީ އަބަދު ވެސް މީހުންނާ ވަރަށް ގުޅޭ ވަރަށް އިޖުތިމާއީ ދިރިއުޅުމެއްގައި އުޅުނު މީހެކެވެ. ސަރުކާރުގެ އެކި ވަޒީޒާތަކުގައި ވެސް ވަރަށް ގުނަ ހިދުމަތްކޮށްފައިވާ އިރު، އެސްޓީއޯގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ރިޒާބެ ވަޒީފާ އަދާކުރި އެވެ.
ރިޒާބެ އަކީ އާންމުންގެ ތެރޭގައި މަގުބޫލުވި ކުރީގެ ފިލްމެއްގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ. އެއީ ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ބަތަލުގެ ރޯލު ކުޅުނު 1994 ގެ ފިލްމު "ކުލުނު" އެވެ. އަލީ ވަހީދު ޑައިރެކްޓްކޮށް، އައްޑޫގައި ގިނަ މަންޒަރުތަކެއް ނެގި އެ ފިލްމުގެ އެއް ބަތަލާ އަކީ ވެސް އައްޑޫ މީހެކެވެ. އެއީ މަރަދޫ އައިމިނަތު މުނީރާ އެވެ.
"ކުލުނު" ގެ ކާސްޓްގައި ކުރީގެ މަޝްހޫރު ބަތަލާ އައިޝަތު ޝިރާނީގެ އިތުރުން ކުރީގެ އެކްޓަރު ކޮއްޔަ ހަސަން މަނިކު ވެސް ހިމެނެ އެވެ.
އައްޑޫގެ މަޝްހޫރު ރިޒާބެ ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ