ލަންކާގައި ލެޕްޓޮސްޕައިރޯސިސް ފެތުރޭތީ ސަމާލުވާން އެދިއްޖެ

ލަންކާގެ މޫސުން ގޯސްވެ، ފެންބޮޑުވުމުގެ ސަބަބުން ލެޕްޓޮސްޕައިރޯސިސް (ރެޓް ފީވާ) ފެތުރޭތީ ސަމާލުވުމަށް ލަންކާގެ ހެލްތު ޕްރޮމޯޝަން ބިއުރޯއިން އެދިއްޖެއެވެ. އެކަމާ ގުޅިގެން އެ ބިއުރޯއިން ވަނީ ނޯޓިސްއެއް ނެރެފައެވެ. އެ ނޯޓިސްގައި އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ގޮތްތައް ފާހަގަކޮށްފައިވެއެވެ. ލެޕްޓޮސްފައިރޯސިސް ޖެހުމުގެ ފުރުސަތު އޮތް ގޮތްތަކުގެ ތެރޭގައި ތަޣައްޔަރުވެފައިވާ ފެންގަނޑުގައި ހިނގުން ނުވަތަ އެ ފެންގަނޑު ސާފުކުރުމުގައި ހަރަކާތްތެރިވުމާއި، ފެންބޮޑުވުމަށް ފަހު އެ ފެން ހިނދުމުން ވަޅުތަކާއި، ފެން ހިއްކުމުގެ ނިޒާމުތަކާއި، ކުނި ސާފު ކުރުމުގައި ހަރަކާތްތެތިވުން އަދި ފައިގައި ހުންނަ ޒަޚަމް ތަޣައްޔަރުވެފައިވާ ފެންގަނޑުގައި ޖެހުން ހިމެނެއެވެ. މަތީގައިވާ އެއްވެސް ކަމެއް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެ ބިއުރޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ލެޕްޓޮސްފައިރޯސިސްގެ އަކީ މީދަލުގެ އާއިލާގެ ޖަނަވާރުން އުފެދޭ ބެކްޓީރިއާ އަކުން އިންސާނުންނަށް ވާސިލުވާ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑަށް ކުރިމަތިވާ ކަންކަމުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ހީކެރުވުމާއި ގައިގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. މީގެ އިތުރުން ހޮޑު ލެވުމާއި ބޭރަށް ހިންގުން އަދި ލޯ ރަތް ވުމަކީ ވެސް މި ބަލީގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިއީ ރަނގަޅު ފަރުވާއެއް, އަވަހަށް ނުދެވިއްޖެނަމަ ހާލަތު ގޯސްވެސް ވާ ބައްޔެކެވެ. މި ބައްޔަށް އާއްމުކޮށް ދޭ ފަރުވާއަކީ އެންޓިބޮޔޮޓިކް ދިނުމެވެ. ބޯކޮށް ވާރޭވެހުމަށްފަހު ނުވަތަ ފެންބޮޑުވުމަށްފަހު މި ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ. ތޫފާން 'ދީތްވާ' ގެ ސަބަބުން މުޅި ލަންކާއަށް ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު ވަނީ 400 އާ ގާތްކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ