1،800 މަޝްރޫއު އެބަ ހިނގާ، ހުރަސްއެޅޭ ގޮތަށް ކައުންސިލްތައް ނުހޮވާތި: ރައީސް

މިހާރު ވެސް މުޅި ރާއްޖޭގައި 1،800އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށާއި އެމަނިކުފާނުގެ އެދުމަކީ، ސަރުކާރުން ކޮށްދޭ މި ކަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ނުދިނުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރޭތީ، އެކަން ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް މީހުން މާލެ ގެނެސްގެން، ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގަ އެވެ.
މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ގަޑިއެއްހާއިރުގެ ވާހަކަފުޅުގައި، މިދިޔަ ދެ އަހަރު ސަރުކާރުން ކޮށްދިން ބައެއް ކަންކަމާއި ކުރިއަށް އޮތް އަހަރު ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމަށް އަލިއަޅުވާލެއްވި އެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ވާހަކަ ދައްކާއިރު، މި ވަގުތު ރާއްޖޭގައި 1،875 މަޝްރޫއު އެބަ ހިނގާ. މީގެ ތެރޭގައި މި ސަރުކާރުން ސޮއި ކުރި 1،356 މަޝްރޫއު އެބަ އޮތް،" ކުރިއަށް އޮތް ދުވަސްތަކުގައި އެ މަޝްރޫއުތަކުގެ ތަފްސީލު ހާމަ ކުރަމުން ގެންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
ތަފްސީލު - ރައީސް ވިދާޅުވީ، ތަރައްގީ ހާސިލުކުރުމުގައި އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތަކީ ހަމަހަމަކަން ކަމަށާއި އެގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރަށެއް ވެސް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ވިސްނުން ކަމަށެވެ.
"ހަމައެކަނި މާލޭގައިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި ސިޓީތަކުގައި އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށުގެ އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟" ރައީސް ސުވާލު އުފެއްދެވި އެވެ.
އެއަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކަންކަން ހިނގަން ޖެހެނީ އެ މަގުން ނޫން ކަމަށެވެ. 
"އަޅުގަނޑަށް ދެވިއްޖެ އެއްވެސް ރައީސަކު ނުދާ ރަށްރަށަށް ވެސް. ރައީސް މައުމޫންއަށް ފަހު އެއްވެސް ރައީސަކު ނުދާ އެތައް ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ އެކަމާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
މިދިޔަ ސަރުކާރުގައި އެ ރަށްތައް އޮތީ ވަރަށް ބޮޑަށް ބާކީކޮށްފައި 
ނަމަވެސް އެމަނިކުފާނަށް އެފަދަ ރަށްތަކާއި މާލެއާ ހަމަހަމަ
"އެހެންވީމަ އެތަންތަނުގައި އޭޓީއެމް ވެސް މި ހުޅުވީ. ދެން ހުރި ކަންކަން ވެސް މި ކުރަނީ. އެހެންވީމަ އެއިން ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް މި ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބަށް މިހާރު އޮތީ ތިން މަހެއްހާ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުން މި އިންތިހާބު އޮންނާނީ އަންނަ މާޗް މަހު ކުރީކޮޅެވެ. މަޝްރޫއުތަކާއި ސިޔާސަތުގެ ވާހަކަ ދެއްކެވުމަށް ފަހު ރައީސްގެ ވާހަކަ އަމާޒު ކުރެއްވީ އެ އިންތިހާބަށެވެ.
"އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން އެދެނީ، މި މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުމާ އެކު ތިޔަ ވަޑައިގަންވާ ގޮތަށް ކުރިއަށް ވަޑައިގަތުމަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ، މި ހުރިހާ މުހިންމު މަސައްކަތްތަކަށް އެޅިގެންދާ މުހިންމު ހުރަހަކަށްވުމުގެ ފުރުސަތު އެއްވެސް ރައްޔިތަކު ނުދެއްވުމަށް،" 13،000އެއްހާ މީހުން ބައިވެރިވިކަމަށް އެމަނިކުފާނު އިއުލާން ކުރެއްވި ޖަލްސާގައި ވާހާކަ ނިންމާލައްވަަމުން ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދޭނެ [އަދި] ރައްޔިތުންނަށްޓަކައި މި ފެށިފައި ހުރި މަޝްރޫއޫތަކާއި ފަށަން ތައްޔާރުވެފައި ހުރި މަޝްރޫއޫތައް ތަންފީޒު ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް ހޮވުމަކީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ނިންމަވާނެ ގޮތް. އެއީ އަޅުގަނޑު އެދޭ ގޮތް."
މިރޭގެ ޖަލްސާގައި ރައީސް ފާހަގަ ކުރެއްވި މުހިންމު ބައެއް ކަންކަން:
އަންނަ ރޯދަ މަހު ގޭބީސީތަކުގެ ކަރަންޓަށް ބިލު ކުރާނީ، 400ރ.އާ ހަމައަށް؛ އަދި މަސް ދަޅު ކޭސް ވެސް ލިބޭނެ
މާދަމާއިން ފެށިގެން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓުކުރަން ފަށާނަން
މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް ދީނުގައިވާ އެންމެ ހަރުކަށި އަދަބު ދޭނަން
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް މިއަދާ ހަމައަށް 444 މިލިއަން ރުފިޔާ ދައްކައިފިން، ބަކީ ނުދައްކާ ހުރި ބިލުތައް ވެސް ދައްކާ ހަލާސް ކުރާނަން
ރަސްމާލެއިން ދޫކުރާ 15،000 ގޯތި ދިނުމުގެ އުސޫލު އަންނަ ހަފްތާގައި އިއުލާން ކުރާނަން
މާޗްގެ ކުރިން 70 ރަށެއްގައި ޑޮލަރު އޭޓީއެމްތައް ބަހައްޓާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ