ކަނޑު މަގުން ރާއްޖެއަށް ޑުރަގް އެތެރެކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފި

އިއްޔެ ހެނދުނު ފަތިހު 05:00ހާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަން، 'އަލިމަގު'ގެ ކުރިން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަނޑު މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 16 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ދެކުނުގެ ފުލުހުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ގއ. އަދި ގދ. އަތޮޅުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ: ގއ. މާމެންދޫއިން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި ފަސް ފިރިހެނުން މާލެއިން ހައްޔަރުކުރި ތިން ފިރިހެނުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށަކާއި، ދެ ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ވެސް "އޮޕަރޭޝަން އަލިމަގު" އާ ގުޅޭ ގޮތުން އެއްކުރި މައުލޫމާތުގެ އަލީގައި ބަލައި ފާސްކުރި ތަންތަން ކަމަށެވެ. އެ މައުލޫމާތު ކުރިން ހާމަކޮށްފިނަމަ އޮޕަރޭޝަން އަލިމަގަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީއާއި ލިބެމުން ދިޔަ މައުލޫމާތަށް ބަލައި ހެކި ގެއްލިދާނެ ކަމުގެ ފުރުސަތު އޮތުމާއެކު އޮޕަރޭޝަން ކުރީ ބައިގައި ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން މިރޭ ބުންޏެވެ. "އޮޕަރޭޝަން އަލިމަގު"އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެންމެ ފަހުން ފުލުހުން އާއްމުކުރި މައުލޫމާތުގައި މި އޮޕަރޭޝަނުގައި އިއްޔެ ވަނީ 90 މީހުން ހައްޔަރުކޮށްފައެވެ. https://sun.mv/213872 މި އޮޕަރޭޝަނާ ގުޅިގެން ދައުލަތުގެ މިޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ރާއްޖޭގައި ދިރިއުޅެން އުނދަގޫވާ ވަރަށް ފުލުހުން މަސައްކަތްކުރާނެ ކަމަށެވެ. މިދިޔަ ޖުލައި މަހުގެ 30ގައި ރައީސް ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ހިމެނުމަށް، އެކަން ދިރާސާކުރަން އަންގަވައިފައިވާކަން އިއުލާންކުރައްވައިފައެވެ. ރާއްޖޭގެ ގާނޫނުލްއުގުބާތުގައި، މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ