ފައިސާ އަނބުރާ ހޯދަން އިހުލާސްތެރި މަސައްކަތެއް ކުރަންޖެހޭ

ގެއްލިގެންދާ ރައްޔިތުންގެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދޭން ކުރަންޖެހޭ މަސައްކަތް އިޚްލާޞްތެރިކަމާއެކު ކުރަންޖެހޭ ކަމަށް އޭސީސީގެ ރައީސް ޢާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.
އެސެޓް ރިކަވަރީގެ ޤައުމީ ނިޒާމު ޤާއިމްކުރުމާގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ކޮރަޕްޝަނުގެ ކުށުން ދައުލަތުން ގެއްލިގެންދާ ފައިސާގެ އަދަދު ވަރަށް ބޮޑުކަން ދިރާސާތަކުން ހާމަވާ ކަމަށެވެ. އެގޮތުން އެއީ ކޮންމެވެސް ރަށެއްގައި ސުކޫލެއް، ހޮސްޕިޓަލެއް، ނުވަތަ ބަނދަރެއް އެޅުމަށް ބޭނުންކުރެވިދާނެ ފަދަ ފައިސާގެ އަދަދުތަކެއްކަމަށައި، އެކަމުން އެނގިގެންދަނީ ކޮރަޕްޝަނުގެ ކުށުގެ ގެއްލުމުގެ ބޮޑު މިންވަރު ކަމަށް ޝާމިލް ވިދާޅުވި އެވެ.
"ކޮރަޕްޝަނުގެ ޢަމަލުގެ ސަބަބުން ގެއްލިގެންދަނީ، ރައްޔިތުންގެ އުފަލާ ހިތްހަމަޖެހުމާ ތަރައްޤީ އޭގެން ހޯދައިދޭން ކަނޑައަޅާ ފައިސާކަމާ މެދު ޝައްކެއް ނެތް." ޝާމިލް ވިދާޅުވި އެވެ.
ދަޢުލަތުގެ ކަމާގުޅުން ހުރި މުޢައްސަސާތަކަށް އެފަދަ ނޭދެވޭކަންކަން ހުއްޓުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށާއި، ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް، މުއްސަސާތަކުގެ ކިބައިގައި ހުރި ކެރުންތެރިކަމާއި ޤާބިލިއްޔަތުގެ ބޭނުންކޮށް، ގެއްލިގެންދާ ރައްޔިތުންގެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދޭން ކުރަންޖެހޭ މަސައްކަތް އިޚްލާޞްތެރިކަމާއެކު ކުރަންޖެހޭކަމުގައި ޝާމިލް ވިދާޅުވި އެވެ.
އެގޮތުން އޭސީސީގެ ހިތްނިޔަތް ޚާލިސްކަމާއެކު އޮތީ ކޮރަޕްޝަނުގެ ނުބައި ޢަމަލުތަކުން ގެއްލިދާ ރައްޔިތުންގެ ފައިސާ އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް، ދައުލަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތް ހަރުދަނާކޮށް، ނަތީޖާ ނެރެވޭ ނިޒާމަކަށް މި ނިޒާމު ހެދުމުގެ ހެޔޮ ނިޔަތްކަމަށްވެސް ޝާމިލް ވިދާޅުވި އެވެ.
މީގެއިތުރުން އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގައި ކާމިޔާބު ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކޮށް، އެއްގަލަކަށް އަރައި، ކުރާން ހުރި ކަންކަމުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް އެކުލަވައިލުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ