ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިިިމަބިހީގެ ނުރައްކާތެރި ރޯގާގައި މިހާތަނަށް 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ އެވެ.
މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެ ގައުމުގައި މި ބަލި މިހާ ބޮޑަށް ފެތުރި، މިހާ ގިނަ އަދަދެއްގެ ކުދިން މަރުވި ފުރަތަމަ ފަހަރެވެ.
އެ ގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް މި ބަލީގައި 13 ކުދިން ވަނީ މަރުވެފަ އެވެ. މިއާއެކު، މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މި ބަލީގައި މަރުވި ކުދިންގެ ޖުމްލަ އަދަދު ވަނީ 512 އަށް އަރާފައެވެ.
ވެރިރަށް ޑާކާގެ ހޮސްޕިޓަލްތައް ފުރިފައިވާއިރު، ބަލިޖެހޭ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ވޯޑުތަކެއް ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، ބަލި ހާލަތު ބޮޑުވާ ކުދިންނަށް ފަރުވާ ދިނުމަށް އައިސީޔޫގެ އެނދުތަކުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިމަބިއްސަކީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ވައިރަހެކެވެ. މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނޯންނައިރު، މީގެ ސަބަބުން ފުއްޕާމޭގެ ބަލިތަކާއި، ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި އުނދަގޫތައް ކުރިމަތިވެއެވެ. ހާއްސަކޮށް ކާނާގެ މާއްދާތައް މަދު ކުދިންނާއި ވެކްސިން ފުރިހަމަނުކުރާ ކުދިންގެ ފުރާނައަށް މި ބަލީގެ ސަބަބުން ބޮޑެތި ނުރައްކާ ކުރިމަތިވެއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން މިހާރު ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ގައުމީ ފެންވަރުގައި ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށާފައެވެ. އދގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ، ޔުނިސެފުން ހާމަކުރި ގޮތުގައި މިހާތަނަށް 18 މިލިއަން ކުދިންނަށް ވަނީ ވެކްސިން ދީފައެވެ. ނަމަވެސް، ވެކްސިންގެ ފުރިހަމަ ނަތީޖާ ފެންނަން އަދި މަސްތަކެއް ނަގާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރެއެވެ.
ޔުނިސެފުން ބުނާ ގޮތުގައި 2024 ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރު ބަދަލުވުމަށް ދަރިވަރުން ކުރި މުޒާހަރާތަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ތެރޭގައި، ގަވާއިދުން ދެވޭ ވެކްސިންގެ ޕްރޮގްރާމްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ ކުދިންނަށް ވެކްސިން ނުލިބި ބަލީގެ ނުރައްކަލަށް ހުށަހެޅުނެވެ.
މިހާރު ފެތުރެމުންދާ ރޯގާގައި އެންމެ ގިނައިން ބަލިޖެހެނީ ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ހޮސްޕިޓަލަށް ގެންނަ ގިނަ ކުދިން ގެންނަނީ ބަލި ވަރަށް ބޮޑަށް ގޯސްވެ، ނޭވާލާން އުނދަގޫވެ، ފުއްޕާމެޔާއި ކަރުތެރެއަށް އިންފެކްޝަން ފެތުރިފައިވާ ހާލަތުގައެވެ.
ބަންގްލަދޭޝްގައި ހިމަބިހި ކޮންޓްރޯލުން ނެއްޓި 500 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ