މުލަކު އަތޮޅުގެ ކާމިޔާބު ކްލަބު، ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަންގެ އިފްތިތާހީ ޖަލްސާ ބާއްވައިފި

މުލަކު އަތޮޅުގެ ކާމިޔާބު ކްލަބު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ރަޖިސްޓްރީކޮށް، އިފްތިތާހީ ޖަލްސާ ރޭ ބާއްވައިފި އެވެ.
ލެމަން ގްރާސް ރެސްޓޯރަންޓްގައި ރޭ ބޭއްވި މ. މަޑުއްވަރީ ކްލަބު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަންގެ އިފްތާހީ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދުއާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަދި މަލުކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މި ޖަލްސާގައި ވަނީ މިދިޔަ މަހު 2 ވަނަ ދުވަހު ރަޖިސްޓަރީކުރެވުނު ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަންގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެކްލަބުގެ ހިންގާ ކޮމިޓީގެ ރައީސްއަށް ފަސީހު މުހައްމަދު ހޮވުނުއިރު، ނައިބު ރައީސްއަކަށް ހޮވިފައިވަނީ މުހައްމަދު ނާފިޒުއާއި އިރުފާން އާމިރު އެވެ. ޖެނެރަލް ސެކްރެޓަރީއަކަށް އިބްރާހިމް މާހިރު ހޮވުނުއިރު، ސެކްރެޓަރީއަކަށް ހޮވިފައިވަނީ އާދަމް ޝިއުބާން އެވެ. މި މަގާމުތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އައްސަދު އެވެ.
ސްޕޯޓްސް ސެކްރެޓަރީއަކަށް މުހައްމަދު އަނޫސް އަހުމަދު ހޮވުނުއިރު، އިންތިޒާމީ ސެކްރެޓަރީއަކަށް ހޮވިފައިވަނީ ޝިފާއު އެވެ. ހަޒާންދާރަކަށް އިސްމާއިލް ނާޝިޒް ހޮވުނުއިރު، ކްލަބުގެ ވަކީލަކަށް ހަމަޖައްސާފައިވަނީ އަލްއުސްތާޛް އަހްމަދު ރިޒާ އެވެ. އަދި ކްލަބުގެ މީޑިއާ ކޯޑިނޭޓަރަކަށް ހަމަޖައްސާފައިވަނީ މުހައްމަދު އަމްޖަދެވެ. މި މަގާމުތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މުލަކު އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު އެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން މުލަކު ދާއިރާގެ މެމްބަަރު އިބްރާހިމް ނަސީރު ވިދާޅުވީ، ކްލަބުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަމައެކަނި ކުޅިވަރު ތަރައްގީކުރުން ނުދެކުމަށް އެދޭ ކަމަށާއި ރަށުގެ ތަރައްގީއަށް އިޖުތިމާއީ ކަންކަން ރަނގަޅުކޮށްދިނުމަށް ވެސް މަސައްކަތްކުރެއްވުމަށް އެދޭ ކަމަށެވެ.
"މި ފަދަ ޖަމްއިއްޔާތައް ހިނގާނީ ހަރަދުކުރަން ފަންޑެއް އޮވެގެން. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމިޓީން މިހާރު ވާނީ ބިލެއް ހުށަހަޅާފައި. އެއީ ރަޖިސްޓަރީކޮށް، ރަނގަޅަށް ހިނގާ ކްލަބު އަދި ޖަމްއިއްޔާތަކަށް ސަރުކާރުން ބަޖެޓެއް ދިނުން،" މުލަކު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަންގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސްއޫލުވެރި ފަރާތުން ވަނީ ކްލަބަށް ޗެއާމަންއެއް ހަމަޖައްސައިފަ އެވެ. އެކްލަބުގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ މަސީހު މުހައްމަދު އެވެ. އަދި ޖަލްސާގައި ހޮވުނު މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްމާއިލް ނާޝިދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ