ބޮޑީ ގާޑު ކޯސް ފުރިހަމަ ކުރި 20 ފުލުހަކަށް ސެޓްފިކެޓްދީފި

ފުލުހުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގި "ބޮޑީގާޑް ޓެރޭނިން 2" ކޯސް ފުރިހަމަ ކުރި 20 ފުލަހަށް ސެޓްފިކެޓްދީފި އެވެ.
އިސްކަންދަރުކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުގައި ކޯސް ފުރިހަމަ ކުރި ދަސްވެނިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެ ރަސްމިޔާތުގެ ޝަރަފްވެރި މެހްމާނު، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވީ ބޮޑީގާރުޑް ކޯހަކީ އާންމުންގެ މުދަލަށާއި ފުރާނަ ރައްކާތެރިކޮށްދިނުމުގައި ފުލުހުންނާއި ސިފައިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހިންގި މުހިންމު ކޯހެއް ކަމަށެވެ.
"މި ކޯހުގައި އުނގަންނަދިން އިލްމާއި ހުނަރަކީ މިއަދުގެ ހާލަތަށް ބަލާއިރު ބޮޑީގާޑުންނަށް ކޮންމެހެން އެނގެން ޖެހޭނެ އެއްޗެހިތަކެއް. މި ކޯހުގައި ތިޔަ ފުލުހުން ވަނީ ހަށިފާރައަކަށް ވުމަށް ޓަކައި އިލްމީ ގޮތުންނާއި ރޫހާނީ ގޮތުންނާއި މާއްދީ ގޮތުން ތަރުބިއްޔަތު ކުރެވިފައި." ނާޒިމު ވިދާޅުވި އެވެ.
އެފަދަ ކޯސްތަކެއް ހިންގަވާ ކަމަށްޓަކައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލަށާއި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ނާޒިމު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކޮމިޝަނާއި އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ އިތުރުން ފުލުހުންގެ އިސް އޮފިޝަލަނުން ބައިވެރިވެޑައިގެންނެވި އެވެ.
ފުލުހުން ބުނީ އެ ކޯސް ހިންގާފައި ވަނީ އެމްއެންޑީއެފްގެ ކަރިކިއުލަމްއާ އެއްގޮތަށް، އެމްޑީއެފްގެ އެހީތެރިކަމާއެކު ކަމަށެވެ.
އެ ކޯސް ހިންގާފައި ވަނީ މިދިޔަ މަހުގެ 24 އިން ފެށިގެން މި މަހުގެ 8 ވަނަ ދުހުވަހުގެ ނިޔަލަށް ކަމަށެވެ. ފުލުހުން ބުނީ ބޮޑީގާޑް ޓެރޭނިން ކޯހުގެ ތިން ވަނަ ބުރެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ