އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ، 2 މާރިޗު 2021 ވީ އަންގާރަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ބާއްވައިފިއެވެ.
ޖުމްލަ 44 ހިއްސާދާރުންގެ ބައިވެރިވުމާއެކު ޖަލްސާ ކުރިއަށްގޮސްފައިވާއިރު، އޭގެ ތެރެއިން އަމިއްލަފުޅަށް ޖަލްސާގައި ބައިވެރިވެވަޑައިގަނެފައިވަނީ 36 ހިއްސާދާރުންނެވެ. އަދި ހިއްސާދާރުންގެ ފަރާތުން ޕްރޮކްސީ ހޯއްދަވައިގެން 8 ބޭފުޅަކު ބައިވެރިވެވަޑައިގަނެފައިވެއެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައި ވަނީ،  134،138،633 (ސަތޭކަ ތިރީސް ހަތަރު މިލިއަން ސަތޭކަ ތިރީސް އަށް ހާސް ހަސަތޭކަ ތިރީސް ތިނެއް) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %90.76 އެވެ.
އުރީދޫ މޯލްޑިވްސް އިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާއާ އެއްގޮތްވާގޮތުގެ މަތިން، އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ނިންމަވާފައިވަނީ 2020 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާ (2 މާރިޗު 2020 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާ) ގެ ޔައުމިއްޔާ ފާސްކުރެއްވުމަށާއި، 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރެއްވުމަށާއި، 2021 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރެއްވުމަށެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްފައެވެ.
އުރީދޫއިން ބުނެފައިވަނީ ހިއްސާދާރުން ދެމެހެއްޓެނިވި ގޮތެއްގައި ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށާއި މީގެ އިތުރުން، ކޮވިޑް-19 ގެ ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުގެމެންގެ ހިއްސާދާރުން، މި ކުންފުނި ހިންގުމަށްޓަކައި ދެއްވާފައިވާ އެއްބާރުލުމާއި ކުރައްވާފައިވާ އިތުބާރަށް ޝުކުރު ދަންނަވާކަމަށެވެ. 
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ އައު އިޖާދީ މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދީ، އަޅުގަނޑުމެން ހަރަކާތްތެރިވާ މުޖުތަމަޢުތަކުގެ ދިރިއުޅުން ފާގަތިކޮށްދިނުމަށް އަދި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މުޖުތަމަޢުއަށް ލާބަޔާއި މަންފާ ހޯދައިދިނުމަށްމަސައްކަތްކުރުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" އުރީދޫއިން ބުނެފައިވައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ