ފިޝަރީޒް މިނިސްޓަރުގެ ނާއިބަކަށް ޢަލީ މާޖިދު އައްޔަންކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ.ހިޔަމަ އަލްފާޟިލް ޢަލީ މާޖިދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢަލީ މާޖިދު މި މަޤާމަށް ޢައްޔަނުކުރެއްވުމާ ހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ނޮދަރން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ޢަލީ މާޖިދު ވަނީ ފުރުއްވާފައެވެ.
ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕަރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ