ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވީއައިއޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފި

ލިބުނު މައުލޫމާތުތަކާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީ.އައި.އޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވަނީ ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެންކަމަށެވެ. އަދި ރެއިން ފެށިގެން އެއަރޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްޞީލެއް ހާމަކުރައްވާފައެއްނުވެއެވެ.
މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ގްރޭޓަރ މާލޭ ސަރަޙައްދާއި، އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ސިފައިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާގުޅިގެން މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމާއި ގުޅިގެން ސަލާމަތީކަންކަން އިތުރަށް ވަރުގަދަކޮށް ސިފައިންނާއި ފުލުހުންގެ އެލާޓް ސްޓޭޓަސްވެސް ވަނީ މަތިކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާއިރު، މި ޙާދިސާގައި ގޮއްވާލި ބޮމާއި ގުޅޭ އިތުރު ކަންތައްތަކެއް ދެނެގަތުމުގެ މަސައްކަތް ސިފައިންނާއި ގުޅިގެން ފުލުހުން ދަނީ ކުރަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ