ލޮރީން މީހުން މަރުވި މައްސަލާގައި ހަތަރު މީހަކާ ސުވާލު ކުރަނީ

ލަންޑަން (އޮކްޓޯބަރު 26) - އިނގިރޭސި ވިލާތުގެ އިރުމަތީގެ އެސެކްސް އިން ލޮރީއެއްގެ ތެރޭން މަރުވެފައިވާ 39 މީހުން ފެނުނު މައްސަލާގައި ހަތަރު މީހަކާ ފުލުހުން ސުވާލު ކުރަން ފަށައިފި އެވެ.
މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހުކުރު ދުވަހު ވަނީ ސްޓެންސްޓެޑް އެއާޕޯޓުން މީހަކު ހައްޔަރުކޮށްފަ އެވެ. މީހުން ވަގަށް ނެގުމުގެ ތުހުމަތުގައި ވޮރިންޓަނުން ވަނީ އިތުރު ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި ހަތަރު ވަނަ މީހާއަކީ ލޮރީ ޑްރައިވަރެވެ.
މިދިޔަ ބުދަ ދުވަހު ލޮރީގެ ރެފްރިޖަރޭޓެޑް ކޮންޓެއިނާގެ ތެރޭން ހަށިތައް ފެނުނު އިރު އެ ލޮރީ އޮތީ ލަންޑަނުގެ އިރުމަތީގެ ސިނާއީ ސަރަހައްދެއްގެ ޕާކެއްގެ ތެރޭގައި މަޑުކޮށްގެންނެވެ. އެ ލޮރީ ފެރީއެއްގައި ލަންޑަނަށް ގެންދިޔައީ ބެލްޖިއަމުންނެވެ.
ލޮރީގެ ތެރޭގައި މަރުވެފައި ތިބީ، އަށް އަންހެނުންނާއި 31 ފިރިހެނުންނެވެ. ކުރިން ބެލެވުނު ގޮތުގައި ލޮރީގައި މަރުވެފައި ތިބީ މުޅިން ވެސް ޗައިނާ މީހުންނެވެ. ނަމަވެސް އެސެކްސް ފުލުހުން މިހާރު ލަފާކުރާ ގޮތުގައި ވިއެޓްނާމުގެ ބައެއް މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅޭ ވިއެޓްނާމް މީހުން ތަމްސީލް ކުރާ ވިއެޓްހޯމް ޖަމާއަތުން ބުނި ގޮތުގައި ބުދަ ދުވަހު ލޮރީ ފެނުނު ފަހުން ވަނީ، ގެއްލިފައިވާ ކަމަށް ވިއެޓްނާމުގެ 20 މީހަކާ ބެހޭ މައުލޫމާތު ރިޕޯޓްކޮށްފަ އެވެ.
ޖޫން، 2000 ގައި ވަނީ އިންގްލޭންޑުގެ ޓައުނެއް ކަމަށްވާ ޑޯވާގައި ދަތުރުކުރި ލޮރީއެއްގެ ތެރޭން 58 ޗައިނާ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. އެ މައްސަލައާ ގުޅިގެން ލޮރީ ދުއްވި ޑްރައިވަރު ވަނީ މީހުން މެރުމުގެ ކުށުގައި ޖަލުގައި ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ