ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައެޅި ފައިސާ ރިވައިސްކުރަނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް ދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓްގައި ކަނޑައެޅި ފައިސާގެ އަދަދު ރިވައިސްކުރާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި ކަނޑައަޅާފައި އޮތީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ކަމަށާއި ލިބޭނެ އާމްދަނީ މިހާރު މިއޮތީ ބޮޑުތަނުން ކުޑަވެފައި ކަމަށެވެ.
އެހެން ކަމުން އެކަމަށް ރިވިޝަންތަކެއް ހަދާ އަންނަ ހަފްތާ މަޖިލީހަށް ހުށައަޅަން ގަސްތުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ރޭ ވިދާޅުވީ ދައުލަތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދު ގެ ތެރެއިން އުނިކުރާނީ އެއް ބިލިޔަން ރުފިޔާ ކަމަށް ކުރިން އިއުލާނުކޮށްފައި ވިޔަސް މިހާރު ވިސްނުން ހުރީ ހަރަދު އެއަށް ވުރެ ވެސް ކުޑަކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އިގުތިސާދީ ކާރިސާއެއް އަންނަކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 ފެތުރޭތީ އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާއި އެބަލި ފެތުރުނަ ނުދޭން ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓި، އާމްދަނީގެ ބޮޑު ބައެއް ވަނީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ