ކޮވިޑް-19: ވިމްބަލްޑަން ކެންސަލްކުރަން ޖެހިދާނެ

ލަންޑަން (އޭޕްރީލް 1) - ކޮރޯނާވައިރަސް ފެތުރެމުންދާތީވެ، މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށް މުބާރާތް އިންތިޒާމުކުރަމުން އަަންނަ އޯލް އިންގްލެންޑް ބުނެފި އެވެ
އެގޮތަށް ނިންމައިފިނަމަ މި އަހަރު ވެގެންދާނީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު މި މުބާރާތް ނުބާއްވާ ފުރަތަމަ އަހަރަށެވެ. އޭގެ ކުރިން ވެސް މި މުބާރާތް ނުބޭއްވި ދިޔައީ ފުރަތަމަ ހަނގުރާމައިގެ ދުވަސްވަރެވެ.
ޖަރުމަނުގެ ޓެނިސް ފެޑެރޭޝަންގެ ނައިބު ރައީސް ޑާކް ހޯޑޯފް ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ މި އަހަރުގެ ޖޫން 29 އިން ޖުލައި 12 އަށް ބާއްވަން ތާވަލުކޮށްފައިވާ ވިމްބަލްޑަން ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"މިއީ އަހަރެން ހިޔާލެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ނޫން. މި ގޮތަށް ވަނީ ނިންމާފައި. ވިމްބަލްޑަން ކެންސަލްކުރިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ،" ހޯޑޯފް ވިދާޅުވި އެވެ.
މި އަހަރުގެ މެއި 24 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފަ އެވެ. ފްރެންޗް އޯޕަން އަހަރުގެ ކޮންމެ ހިސާބަކަށް ފަސްކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ވިމްބަލްޑަން މުބާރާތް ބަދަލުކުރެވެން ނެތްކަން ހޯޑޯފް ފާހަގަކުރެއްވި އެވެ.
"ފްރެންޗް އޯޕަން ސެޕްޓެމްބަރަށް ނޫނީ އޮކްޓޫބަރަށް ވެސް ފަސްކުރެވިދާނެ. އެކަމަކު އެކަން ވިމްބަލްޑަން އަށް ނުކުރެވޭނެ. އެއީ ވިމްބަލްޑަންގައި ނުކުރެވޭނެ. އެއީ ވިނަ ކޯޓެއްގައި މި ކުޅެނީ. މިހާރު މި މުބާރާތް ކުޅޭ ތާރީހު ނޫން ދުވަސްވަރެއްގައި މި މުބާރާތް ނުކުޅެވޭނެ." ހޯޑޯފް ވިދާޅުވި އެވެ.
ވިމްބަލްޑަން އެންމެ ފުރަތަމަ ފަހަރަށް ބޭއްވީ 1877 ވަނަ އަހަރު އެވެ. އެ މުބާރާތް އެންމެ ފުރަތަމަ މެދުކަނޑާލީ 1915 އިން 1918 އަށް ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. އަލުން ފަށައި ދެން މެދުކަނޑާލީ 1940 އިން 1945 އަށް ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގަ އެވެ. އޭގެ ފަހުން ގަވާއިދުން މި މުބާރާތް އަންނަނީ ބާއްވަމުންނެވެ.
މުޅި ދުނިޔޭގައި ވެސް ހަލުވިކޮށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ނުރައްކާ މި ވަގުތު އެންމެ ބޮޑުވެފައިވަނީ ޔޫރަޕަށެވެ. ޔޫރަޕްގައި ބާއްވާ ގިނަ ކުޅިވަރު ހަރަކާތްތަކެއް މި ވަގުތު އޮތީ މެދުކަނޑާލައިފަ އެވެ. އަދި ބައެއް ކުޅިވަރު ހަރަކާތްތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެވެ. އަންހެން ޗެމްޕިއަނަކީ ރޭންކިންގެ ދެ ވަނައިގައި އޮތް ސިމޯނާ ހަލެޕް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ