"ޗައިނާ އިން ފުވައްމުލަކުގައި އެޅި ހައުސިން ޔުނިޓުތަކުގައި އަންނަ މަސް ނިމެންވާއިރަށް ދިރިއުޅެން ފެށޭނެ"

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ފުވައްމުލަކު ސިޓީގައި އެޅި ހައުސިން ޔުނިޓުތަކުގައި އަންނަ މަސް ނިމެންވާއިރަށް މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވަނީ ސީއެމްއީސީ އިން އެ ސިޓީގައި ބިނާކުރި 200 ހައުސިން ޔުނިޓު، ފުވައްމުލަކު ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވައިފައެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޚާލިސް ޝަރީފް ވިދާޅުވީ 2017 ވަނަ އަހަރު އެ ހައުސިންތައް ނިންމައި ސީއެމްއީސީ އިން ސަރުކާރާ ހަވާލުކުރި ނަމަވެސް، އެ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގާއިމުކުރެވިފައި ނުވާ ކަމަށެވެ.
"އަދި ނުނިމު ހުރި މަސައްކަތްތަކެއް އެބަހުރި. އެ ހައުސިން ޔުނިޓުތަކުގެ ސިވިލް މަސައްކަތްތައް އެކަނި ނިމިފައިވަނީ. ފެނާއި ނަރުދަމާ އަދި ކަރަންޓު ނުގުޅާ ހުރީ. އެ މަސައްކަތް ފެނަކައިން ކުރިއަށްގެންދާނެ. އެ ސަރަހައްދަށް ބޭނުންވާ ޓްރާންސްފޯމަރު ގެނައުމުގެ މަސައްކަތް ވެސް މިހާރު އެބަ ކުރިއަށްދޭ. ބައްތި ޖެހުމާއި މަގު ލެވަލް ކުރުމުގެ ކަންތައްތައް ވެސް ނުނިންމާ ހުރީ. އެ ހުރިހާ ކަމެއް ނިންމުމަށްފަހު ޖުލައި މަސް ނިމެންވާއިރަށް މީހުންނަށް ދިރިއުޅެން ފެށޭވަރު ވާނެ،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އެ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ. ޚާލިސް ވިދާޅުވީ ހުށަހެޅިފައިވާ ފޯމުތައް ބެލުމާއި މީހުން ހޮވުމުގެ ކަންތައްތައް ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ ކަމަށެވެ.
ސީއެމްއީސީ އިން ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އެޅި 1500 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޔާމީނެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި، 2017 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ސީއެމްސީ އިން ވަނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ހައުސިން ޔުނިޓުތައް ހަވާލުކޮށްފައެވެ.
އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 704 ހައުސިން ޔުނިޓް އަޅާފައިވެއެވެ. އޭގެ އިތުރުން ސ. ހިތަދޫގައި 264 ހައުސިން ޔުނިޓް، ހުޅުމީދޫގައި 48 ހައުސިން ޔުނިޓް، ޏ. ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް، ގއ. ވިލިނގިލީގައި 52 ހައުސިން ޔުނިޓް، ގދ. ތިނަދޫގައި 120 ހައުސިން ޔުނިޓް، ގދ. ގައްދޫގައި 50 ހައުސިން ޔުނިޓް، ގދ. މަޑަވެލީގައި 22 ހައުސިން ޔުނިޓް އަދި ގދ. ހޯޑެއްދޫގައި 40 ހައުސިން ޔުނިޓް ވަނީ އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ