"ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުން ކައިރިއަށް ވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ލިބޭނެތީ ކުރާ ތުހުމަތުތަކެއް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުން ކައިރިއަށް ޔާމިން ވަޑައިގަތުމުން މަޖިލީހުގެ މެޖޯރިޓީ ލިބޭނެތީ ކުރާ ތުހުމަތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުﷲ ހައްޔަރުކުރުމާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން މިއަދު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވަނީ މި ސަރުކާރަށް ތިން މަސް ދުވަސް ތެރޭ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި ކުރެވުނުހާވެސް ކަމަކީ އެކި ވާހަކަ ދެއްކުމާއި، ތަންތަނުގެ ނަން ބަދަލު ކުރުމުގެ އިތުރުން އެކި ކުޅިވަރުތަކުގައި ބައިވެރިވުން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރުގެ ސަރުކާރަކީ ހިދުމަތެއް ކުރެވޭނެ އަދި ތަރައްގީއެއް ގެނެވޭނެ ސަރުކާރެއް ނޫން ކަމަށާއި އެކަން ރައްޔިތުން ދަންނަކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނީ ގައުމު ހަމަ މަގަށް ނޭޅޭނެކަން ރައްޔިތުންނަށް އެނގޭކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ހައްޔަރުކުރުމަށް މަސައްކަތް ކުރަނީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ޔާމިންކަން ސަރުކާރަށް އެނގިވަޑައިގަންނަވާތީ ކަމަށާއި އެމަނިކުފާނު ރާއްޖޭގެ އެކި ރަށްރަށައް ދަތުރުކުރަން ފަށްޓަވައިފިއްޔާ ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ އެމަނިކުފާނު ހޯއްދަވާނެކަން ކަށަވަރުވާތީ އެކަން ހުއްޓުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވަނީ ސަރުކާރުން ޕީޕީއެމް އާއި ޕީއެންސީއަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބުނަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ހައްޔަރުކުރެއްވި ނަމަވެސް ޕީޕީއެމް އާއި ޕީއެންސީގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، ނަމަވެސް އޭރުން އިތުރު ހިތްވަރަކާއެކު މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ މިހާރު ފެންނަނީ ދިވެހި ރާއްޖެ އަޅުވެތިކަމާއި ދިމާއަށް ދަތުރުކުރަމުންދާ މަންޒަރު ކަމަށާއި މީގެ އިތުރުން ފެންނަނީ ބޭނުން މީހަކު އިސްލާމްދީނަށް ބޭނުން އެއްޗެއް ކިއުމަށްފަހު އުޅެމުންދާ މަންޒަރު ކަމަށާއި މިކަމަށް ސަރުކާރުން ބީރު ކަންފަތެއް ދޭކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ