ތިން މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި މައްސަލަ ތަހުގީގު ކުރަން ފަށައިފި

ސަރުކާރުން ހިންގި ތިން މަޝްރޫއަކާ ގުޅުން ހުރި ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ކަމުގެ ތުހުމަތު ކުރެވުމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަން ބަލަން ފަށައިފި އެވެ.
ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މައްސަލާގައި އޭސީސީގެ ވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ކުންފުނީގެ އެކައުންޓުގެ މައުލޫމާތު ދިރާސާ ކުރިއިރު، ރައީސް ޔާމީނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން ފާހަގަކުރެވުނު ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީނުގެ އެކައުންޓުތަކުގެ ތަފްސީލު ހޯދުމަށް އޭރު މަސައްކަތް ކުރި ނަމަވެސް ވެރިކަމުގައި ރައީސް ޔާމީނު ހުންނެވުމާއެކު އެކަން ކާމިޔާބުވެފައި ނުވާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
މިހާރު ރައީސް ޔާމީނުގެ ހުރިހާ ބޭންކު އެކައުންޓެއްގެ ތަފްސީލު ލިބިފައިވާކަން ފާހަގަކުރައްވާ މުއައްވިޒު ވިދާޅުވީ އެ މައުލޫމާތަށް ބެލިއިރު ޝައްކުވާ ކަންތައްތަކެއް ފާހަގަކުރެވިފައި ވާތީ އެކަންކަން ވެސް ބަލަމުން އަންނަ ކަމަށެވެ.
ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވުމާއި ބޭރުގެ އެކިއެކި ފަރާތްތަކާއެކު ބޭންކު އެކައުންޓް މެދުވެރިކޮށް މުއާމަލާތް ހިންގުން ހިމެނެ އެވެ.
މުއައްވިޒު ވިދާޅުވީ އެއީ ވަކި ޕްރޮޖެކްޓުތަކަކުން ލިބުނު ފައިސާތައް ކަމަށާއި، އެކަމާ ބެހޭ ތަފްސީލް މަޖިލީހުގެ މެންބަރުންނަށް ލިޔުމަކުން ހިއްސާ ކުރައްވާފައި ވާނެ ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން 158 ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް އޭގެން އެއްވެސް ފަރާތަކަށް ދައުވާ ކުރަން ކޯޓަށް ފޮނުވިކަން އެނގިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ