މައިންބަފައިންނަށް އިހާނެތިކޮށް ހިތުމަކީ ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެ ކަމެއް - ހުތުބާ

މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެކަމަށް މިއަދު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މައިންބަފައިންނަށް ކަމޭ ހިތުމާއި ގުޅޭގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާއި ވިދާޅުވެފައި ވަނީ، މައިންބަފައިންނަށް ކަމޭހިތާ އިހުތިރާމް ކުރުމަކީ އިސްލާން ދީނުގައި ވަރަށް މަތީ ދަރަޖައެއް ދެއްވާފައިވާކަމެއް ކަމަށެވެ. އަދި އަޅުތަކުންގެ މައްޗަށް އެންމެ އޯގާވަންތަ ފަރާތަކީ ﷲ ތައާލާ ކަމަށާއި، އެކަލާނގެއަށް ފަހު އިންަސާނާއަށް އެންމެ އޯގާވެރި ފަރާތްތަކީ މައިންބަފައިން ކަމަށް އެ ޚުތުބާގައި ވެއެވެ.
"އެއްވެސް އިންސާނަކަށް އެ މީހުންގެ މައިންބަފައިންނަށްވުރެ ވަކިން ބޮޑު ހެޔޮކަމެއްކޮށްދޭނެ އެހެން ބަޔަކު ވުޖޫދުގައި ވާނެބާއެވެ؟ ކުޑައިރުއްސުރެ ތިބާ ބަލާބޮޑުކުރީ އެ ދެ މީހުންނެވެ. އެދެމީހުންގެ އުފަލާއި އަރާމަށްވުރެ އިސްކަމެއް ދީފައި ވަނީ ތިބާ ދުޅަހެޔޮ ސިއްހަތެއްގައި ބަލާ ބޮޑު ކުރުމަށެވެ". ޚުތުބާގައި ވެއެވެ.
އެ ޚުތުބާގައި ވިދާޅުވެފައި ވަނީ އެ ދެ މީހުންގެ ތެރެއިންވެސް މަންމަގެ ހައްގު ބޮޑު ކަމަށާއި، ވޭނާއި ތުރާލުގައި ތިބާ ބޮޑުކުރީ އެ މަންމަ ކަމަށެވެ.
އަދި މާމަ އަށާއި ކާފައަށް ކަމޭ ހިތާ އަނބިމީހާ ނުވަތަ ފިރިމީހާގެ މައިންބަފައިންނަށްވެސް އިހުތިރާމްކޮށް އޯގާތެރިކޮށް ކަންތައް ކުރުމަކީ އިސްލާމީ ރިވެތި އަދަބުގެ ތެރެއިންވާކަމެއް ކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.
ޚުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައިވެސް އުގޫބާތް ލިބޭނެ ކަަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ.
އެ ހަދީސްފުޅުގެ މާނާގައި ވަނީ "ފާފަތަކުގެ ތެރެއިން އަނިޔާކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑާލުން ފިޔަވާ އެންމެހައި ފާހަތުގެ ޖަޒާ ގިޔާމަތާއި ހަމައަށް ﷲ ފަސްކުރައްވަތެވެ.ނަމަވެސް މި ތިންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް އެ މީހަކަށް އެކަލާނގެ ދެއްވަތެވެ".
އެ ހުތުބާގައި މިއަދު ދުނިޔެ މަތީގައި މައިންބަފައިންނާއި މެދު ކަންތައް ކުރާ އިހާނެތި ގޮތްތައް ބަޔާންކޮށްފައިވާއިރު، މައިންބަފައިންގެ ފަރާތުން ތިމާވާ ކަންތައްތައް ކެތްތެރިވާން ޖެހޭނެ ކަމާއި، އެ މީހުންނަށް އިހްތިރާމް ކުރަން ޖެހޭނެކަމަށް ހުތުބާގައި ބަޔާންކޮށްފައި ވެއެވެ.
މިއަދުގެ ހުތުބާގައި މުއްދަރިއްސުންނަށްވެސް އިހުތިރާމް ކުުރުމަށްވެސް ގޮވާލާފައި ވެއެވެ. އެ ހުތުބާގައި ވަނީ، ގައުމުގެ މުސްތަގުބަލް އުޖާލާ ކުރެވޭނީ ބޮޑުވަމުން އަންނަ ޒުވާން ޖީލު ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވިގެން ކަމަށާއި، އެހެންކަމުން އެ މުއްދަރިއްސުންނަށް އިހުތިރާމްކޮށް އެ މީހުންނަށް ކަމޭހިތުމަކީ ކޮންމެ ދަރިވަރެއްގެ މައްޗަށް އޮތް އަހްލާގީ ވާޖިބެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ