މަޖިލީހަށް އޮޅުވާލުމުން ބީއެމްއެލްގެ ޝަރީފުގެ މައްސަލަ ތަހުގީގުކުރަނީ!

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް އޮޅުވާލެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި ތަހުގީގުކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި އެ ބޭންކުގެ އޮފިޝަލަކު ހާޒިރުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ދޮގު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން ޝަރީފްގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާތީ އާއި އަދި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކެވީ އޭރު ކޮމިޓީއަށް ވަޑައިގެންނެވިއިރު ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވާ ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެކަމާ ގުޅޭ މައުލޫމާތު އިތުރަށް އޮޅުންފިލުއްވައި މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ފޮނުއްވާނެ ކަމަށް ޝަރީފުގެ ސިޓީގައި ބަޔާންކުރައްވާފައިވާތީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ވިސްނަވަމުން ގެންދަވާ ކަމަށްވެސް މަޖިލީހުގެ ރައީސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މިމައްސަލައިގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަނެއްކާވެސް ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޝަރީފްގެ މައްސަލަ ދިރާސާކޮށް އަލުން ބެލިބެލުމުގައި، އަދި އެދުވަހުގެ މާލިއްޔަތު ކޮމެޓީގައި ބީއެމްއެލްގެ ވެރިން ދެއްކެވި ވާހަކަތަކުގެ ޔައުމިއްޔާތައް އަޑުއަހައި ބެލިބެލުމުން ޝަރީފް އޮޅުވާލާފައިވާ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން ކްރޮސް ޗެކާއި ގުޅޭގޮތުން ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޝަރީފް ޖަވާބު ދެއްވާފައިވަނީ އޮޅޭގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
"ޕްރޮސެސްތަކާއި ގާނޫނުތަކާއި އެއްގޮތަށް ބޭންކުން އަބަދުވެސް އަމަލުކުރަމުން އައިގޮތް. އެހެންވީމާ މިއީކީ އަސްލު ބޭންކުން އެމްއެމްޕީއާރުސީން ވަކިބަޔަކާ ގުޅިގެން ވަކިގޮތަކަށް ތަފާތު ގޮތަކަށް ވަކި އިންސްޓްރަކްޝަނެއް އައިސްގެން ކޮށްފައި ނެތް ކަމެއްކަން އަޅުގަނޑު މި ދަންނަވަނީ އިނގޭތޯ" ބީއެމްއެލްގެ އޮފިޝަލް ކޮމެޓީގައި ދެއްކެވި ވާހަކަ ކަމަށް ވިދާޅުވެ ނަޝީދު ތަކުރާރުކޮށްލެއްވި އެވެ.
އެހެންކަމުން އެއިން ދޭހަވަނީ ކްރޮސް ޗެކެއް ނުވަތަ ގާނޫނާ ޚިލާފު ޗެކެއް އެމްއެމްޕީއަރުސީގެ އެކައުންޓް ނޫން އެކައުންޓަކަށް ނުވަންނާނެ ކަން ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށް ބީއެމްއެލް އަށް ފޮނުވި ޗެކްތަކުގެ ފޮޓޯ ވެސް ލިބިފައިވާ ކަމަށާއި، އޭގައި ސާފްކޮށް ކްރޮސްޗެކްތައް ފެންނަން އެބަހުރި ކަމަށެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ އެކަންކަމަށް ބައްލަވާއިރު ބީއެމްއެލްގެ އޮފިޝަލް މަޖިލީހަށް އޮޅުވާލައްވާފައިވާ ކަމަށް ގަބޫލުކުރެއްވޭތީ އޭނާގެ މައްސަލަ ބަލައި ތަހުގީގުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ހިއްސާކުރެއްވި ކަމަށް ތުހުމަތުކޮށް އެ މައްސަލަ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށަހަޅާފައި މިވަނީ ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ބޭފުުޅުން މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހައްދަވައިގެން މައުލޫމާތު ދެއްވާ ކަމުގެ ޝަކުވާ ލިބިފައިވާތީ އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ