ހުރިހާ ގައުމުތަކުން ކުކުޅުބިސް އެތެރެކުރެވޭ ގޮތަށް ހުޅުވާލައްވާއިރު، ހެލްތުން ވިދާޅުވަނީ އަދިވެސް ރައްކާތެރިވާން ޖެހޭނެ ކަމަށް

ދޫނި ރޯގާ އިން ރައްކާތެރިވުމުގެ ގޮތުން އެ ރޯގާ ފެނިފައިވާ ގައުމުތަކުން ރާއްޖެ އަށް ކުކުޅު ބިސް އެތެރެނުކުރެވޭ ގޮތަށް އޮތް އޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޫކޮށްލެއްވުމަށް ހެލްތު މިނިސްޓްރީން ހަމަޖައްސަވައި، ކުކުޅު ބިސް ބޭނުންކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރައްވައިފި އެވެ.
ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރު ބަލައި ފާސްކުރުމުގެ ސަރުކާރުގެ އިދާރާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މޫސާ އަންނަވަރު މިއަދު ވިދާޅުވީ ހުރިހާ ގައުމަކުން ބިސް އެތެރެކުރެވޭ ގޮތަށް ހުއްދަ ކުރައްވަނީ ރޯގާގެ މައްސަލަ މުޅިން ހައްލު ވެގެން ނޫން ކަމަށާއި ކުކުޅު ބިހުން ދޫނި ރޯގާ ޖެހިފައިވާކަން މިހާތަނަކަށް ކަށަވަރުވެފައި ނުވާތީ ކަމަށެވެ.
"ބިސް ކައްކައިގެން ކެއުމުން ނުރައްކަލެއް ނެތް. ކުކުޅު މަސް ވެސް ރަނގަޅަށް ރޯ ފިލުވުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ތަޖުރިބާކާރުން މި ވިދާޅުވަނީ. 70 ޑިގްރީ ސެލްސިއަސްގައި ރަނގަޅަށް ކައްކައިފިއްޔާ އެންމެ ރަނގަޅު. އެހެންވީމަ ބިސް އެތެރެކުރުން ހުޅުވާލި ކަމުގައި ވީނަމަވެސް ރަނގަޅަށް ރޯފިލުވައިގެން ނޫނީ ބިސް ބޭނުންނުކުރުމަކީ އަޅުގަނޑުމެންގެ އިލްތިމާސްއެއް. ހާއްސަކޮށް ކޭކް އެއްޗެހި ޑެކަރޭޓް ކުރުމަށާއި މަޔޮނައިސް ހެދުން ފަދަ ކަންތައްތަކުގައި އެއްގޮތަކަށް ވެސް ރޯކުކުޅުބިސް ބޭނުން ނުކުރުމަށް އަންގަން. ނުކައްކާ ބިސް ބޭނުންކުރުން އަދި ރައްކާތެރިއެއް ނޫން،" މޫސާ އަންވަރު ވިދާޅުވި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވި ގޮތުގައި ކުކުޅު ބިހާއި މަހުގައި އަތްލައި ހެދުމަށް ފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅުން މުހިއްމު ފިޔަވަޅެކެވެ.
ރާއްޖެ އަށް އެންމެ ގިނައިން ބިސް އެތެރެކުރަނީ އަވަށްޓެރި އިންޑިޔާ އިންނެވެ. އިންޑިޔާ އިން ބިސް އެތެރެނުކުރެވޭ ގޮތަށް ހަމަޖެއްސީ އެ ގައުމުގައި ދޫނި ރޯގާ އުޅޭކަން ފާހަގަ ކުރެވުމާއި ގިނަ އަދަދެއްގެ ކުކުޅުތައް މަރުވާން ފެށުމުންނެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުން ބިސް ނުގެނެވޭ ގޮތަށް ހަމަޖެއްސުމުން ބާޒާރުގައި ބިހުގެ އަގު އުފުލުން ފަދަ މައްސަލަތައް ވެސް ކުރިމަތިވި ކަމަށެވެ.
"ވަރަށް ގިނަ ގޮތްގޮތަށް ބަލާފައި ބިސް އެތެރެކުރަން މި ހުއްދަކުރަނީ. އެހެންނަމަވެސް ބިސް ކައްކައިގެން ބޭނުންކުރުން ވަރަށް މުހިއްމު،" ހެލްތް މިނިސްޓަރުގެ ނާއިބް ޑރ. އަބްދުލްއަޒީޒް ޔޫސުފް ވިދާޅުވެފައިވެ އެވެ.
ހުރިހާ ގައުމަކުން ކުކުޅު ބިސް އެތެރެކުރެވޭ ގޮތަށް މި މަހު 15 ގައި ހުޅުއްވާލެއްވި ނަމަވެސް ދޫނި ރޯގާ އުޅޭ އެއްވެސް ގައުމަކުން ކުކުޅު މަހާއި ދިރޭ ކުކުޅު ފަދަ ބާވަތްތައް އެތެރެކުރުން އަދިވެސް އޮތީ މަނާކުރައްވާފަ އެވެ.
"ކުކުޅު މަސް (ދޫނި ރޯގާ ފެނިފައިވާ ގައުމުތަކުން) އެތެރެކުރުން އަދި ދޫކޮށްލެވޭކަށް ނެތް،" މޫސާ އަންވަރު ވިދާޅުވި އެވެ.
ޕަބްލިކް ހެލްތުން ވިދާޅުވި ދޫނި ރޯގާގެ ހާލަތު ވަރަށް ގާތުން އެ ޑިޕާޓްމަންޓުން ގެންދަވަނީ ދިރާސާކުރައްވަމުންނެވެ.
ކުކުޅު ބިހަކީ ހަށިގަނޑަށް ޕްރޮޓީން ލިއްބައިދޭ ވަސީލަތެކެވެ.
ދޫނި ރޯގާ ވަނީ އޭޝިޔާ އާއި ޔޫރަޕުގެ ގައުމުތަކުން ވެސް ފެނިފަ އެވެ. އެހެންނަމަވެސް މިހާރު އެ ބަލި ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައިކަމަށާއި އެހެންނަމަވެސް "ލޯމަރާލައިގެން ނުތިބުމަށް" ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ދޫނި ރޯގާގެ ސަބަބުން ކުކުޅު ބިސް ބައެއް ގައުމުތަކުން ކުކުޅު ބިސް އެތެރެކުރުން މަނާކޮށްފައިވާ ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ގެންދަނީ ކުކުޅު ބިސް އެތެރެކުރެވޭ ގޮތަށް ހުއްދަކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ