ތިން ގައުމަކުން ގެންނަ ބިދޭސީންގެ އަތުން ބަހައްޓަން ޖެހޭ ޑިޕޮސިޓް ފައިސާ އިތުރުކޮށްފި

ބިދޭސީން ގެނައުމަށް ނަގާ ޑިޕޮސިޓް ފީ އަންނަ މަހުން ފެށިގެން ބޮޑުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ސްޓޭޓް މިނިސްޓަރު އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ ޑިޕޮސިޓް ފީ ބޮޑުކުރަން ޖެހުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ބެލެހެއްޓުމަށް ސަރުކާރުގެ ބަޖެޓުން ހަރަދުކުރެވެން ނެތުމުން ކަމަށެވެ.
"ގަވައިދާ ހިލާފަށް އުޅެނިކޮށް އަތުލައިގަންނަ މީހެއް ފޮނުވާލެވެން ދެން ބަލަހައްޓަން އެބަޖެހޭ. އެހެންވީމަ ޑިޕޮސިޓް ފައިސާ އިން ޓިކެޓާއި ހުރުމުގެ ހަރަދު ކެނޑުމަށް ފަހު ބާކީވާ ފައިސާ ސްޕޮންސަރަށް ދޭ ގޮތަށް ހަމަޖެހިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އަށް ބިދޭސީން އެތެރެކުރެވޭނީ، ގަވައިދާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހަކު ގައުމަށް ފޮނުވާލުމަށް ކުރަންޖެހޭ ހުރިހާ ހަރަދުތައް ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ދެއްކުމުން ކަމަށެވެ.
"އަޅުގަނޑުމެން ހަމަޖައްސާފައި އޮންނާނީ މިހާރު މަސައްކަތްކުރާ ބިދޭސީން ވެސް އެމްޕްލޯއިމަންޓް އެޕްރޫވަލް އާއި ވިސާ އާކުރާއިރު ޑިޕޮސިޓް ފައިސާ އަށް ވާ މިންވަރު ހަމަކުރާ ގޮތަށް. އެހެން ނޫނީ މިހާރު ދިމާވެގެން މި އުޅޭ މައްސަލަތައް ހައްލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ކަނޑައަޅާފައި ވަނީ ބަންގްލަދޭޝްގެ މީހަކަށް 8،000ރ.، ސްރީލަންކާ މީހަކަށް 4،000ރ. އަދި އިންޑިއާ މީހަކަށް 3،500ރ. ގެ ޑިޕޮސިޓެއް ނަގާ ގޮތަށެވެ. އެ ޑިޕާޓްމަންޓުން ވަނީ މިދިޔަ އަހަރުގެ ޖުލައި 1 އިން ފެށިގެން ގެންނަ ކޮންމެ ބިދޭސީއެއްގެ އަތުން އެއްކޮޅު ޓިކެޓްގެ އަގަށްވާ 100 ޕަސެންޓް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އިލްޔާސް ވިދާޅުވީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ލަންކާ ފިޔަވައި އެހެން ގައުމުތަކުން ގެންނަ ބިދޭސީންގެ އަތުން ނަގާ ޑިޕޮސިޓް ފީ އަށް ބަދަލު ގެނެސްފައި ނުވަނީ އެހެން ގައުމުތަކުން އަންނަ މީހުން ގަވައިދާ ހިލާފުވުމުގެ މައްސަލަ މަދުވުމުން ކަމަށެވެ.
އެ ޑިޕާޓްމަންޓުން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިސްޓް ވިސާ އާއި ދިވެއްސަކާ އިނދެގެން ރެސިޑެންޓް ވިސާ ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސީން ފިޔަވައި އެހެން ވިސާތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީން ވާކް ވިސާއަށް ބަދަލުކުރާ އުސޫލަށް ވެސް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ވާކް ވިސާ އަށް ބަދަލުކުރާއިރު އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އިތުރުން ޑިޕޮސިޓް ފައިސާ އާއި ޓްރާންސްފާ ފީގެ ގޮތުގައި 6،000ރ. ދައްކަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިމިގްރޭޝަނުން ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑިޕޮސިޓް ފައިސާ ނުދައްކައި ބިދޭސީއަކު އެތެރެކޮށްފި ނަމަ 2،000ރ. އިން ޖޫރިމަނާކޮށް އަދި އެތެރެކުރަން ބޭނުންވާ ކޮންމެ މީހަކަށް 500ރ.ގެ ފީ އެއްވެސް ނަގާ ގޮތަށް ހަމަޖައްސައިފަ އެވެ.
އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ވަނީ ބިދޭސީ މީހާ ގެނައުމުގެ 24 ގަޑިއިރު ކުރިން ޑިޕޮސިޓް ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތް ނަމަވެސް ބައެއް ފަރާތްތަކުން އެ ފައިސާ ނުދެއްކުމުގެ ސަބަބުން އެކަމުގެ ދަތިތައް އެއާލައިންތަކަށާއި އިމިގްރޭޝަން ޑިޕާޓްމަންޓަށް ދިމާވަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ