ހުޅުލެ އާއި މާލެއާ ދެމެދު ލޯންޗުގެ ހިދުމަތް އެމްޓީސީސީން ފަށައިފި

އެމްޓީސީސީން މާލެ އާއި ހުޅުލެއާ ދެމެދު ލޯންޗު ފެރީ އަދި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތް ބުރާސްފަތި ދުވަހު ފަށައިފި އެވެ.
ސަރުކާރާއި އާންމުން ހިއްސާވާ އެމްޓީސީސީން "އެއާޕޯޓް އެކްސްޕްރެސް"ގެ ނަމުގައި މި ހިދުމަތް ފައްޓަވައިދެއްވީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ.
ސްޕީޑް ލޯންޗުގެ ހިދުމަތާއި ބަހުގެ ހިދުމަތް ފައްޓަވައިދެއްވަމުން މޫސަ ވިދާޅުވީ "އަނެއް ދިވެހިރާއްޖޭ"ގައި އަބަދު ވެސް ބަލަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭން ކަމަށާއި، އެމްޓީސީސީން އަލަށް ފެށި މި ހިދުމަތަކީ ވެސް އެފަދަ ހިދުމަތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ދަތުރުފަތުރުގެ ކަންތަކުގައި އަޅުގަނޑަކީ ވަރަށް ޝަކުވާކުރާ މީހެއް. ހަތަރު ގަޑިއިރު ނުވަތަ 12 ގަޑިއިރުގެ ދަތުރެއްކޮށްފައި ކެޕިޓަލް ސިޓީ އަށް ދާން ދޯންޏަށް އަރާ ފާލަމަކީ ދެ ފޫޅުގެ ތޮށި ގަނޑަކަށްވުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.
އެމްޓީސީސީ އެއާޕޯޓް އެކްސްޕްރެސް ހިދުމަތް ދިނުމަށް އެ ކުންފުނިން ބޭނުންކުރަނީ 17 މީހުންގެ ޖާގައިގެ ދެ ލޯންޗާއި 56 މީހުންގެ ޖާގައިގެ ބަހެކެވެ. ލޯންޗު ދަތުރުތަކުގައި ކޮޅަކަށް ނަގަނީ ބޮލަކަށް 20ރ. ކަމަށާއި ރޭގަނޑު 12ގެ ފަހުން ކޮޅަކަށް 30ރ. ނެގުމަށް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޓިކެޓުގެ ފައިދާގެ އިތުރުން ލަގެޖު ގެންދާ ފަސިންޖަރުންގެ އަތުން އިތުރު ޗާޖެއް ނުނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެން އަމްރު، ވިދާޅުވީ އެ ކުންފުނިން އަލަށް ފެށި މި ހިދުމަތުގެ އަގު އެއް ވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލަނީ މި އަގަށް ބަދަލު ނުގެނެސް ވޭތޯ. ނަމަވެސް މާކެޓަށް އަންނަ ބަދަލަކާ ގުޅިގެން ބޮޑު ތަފާތެއް އަތުވެއްޖެނަމަ ނުވަތަ ތެލުގެ އަގަށް ބަދަލެއް އަތުވެއްޖިއްޔާ ޖެހޭނީ ވިސްނަން. ނަމަވެސް މި ވަގުތު އެފަދަ ހިޔާލެއް ނެތް. ތެލުގެ އަގު ދަށްވާ ނަމަ އަގުތައް ދަށްކުރާނަން. މިއީ ޕަބްލިކް ސާވިސްއެއް. އެހެންކަމުން އަޅުގަނޑުމެން ބަލާނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި މިކަން ކުރުމަށް،" އަމްރު ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ އެއާޕޯޓް އެކްސްޕްރެސްގެ ހިދުމަތުގައި ކޮންމެ ބައިގަޑިއަކުން ލޯންޗު ދަތުރުތައް ހުޅުލެ އަށް ބާއްވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 45: 7 އިން ރޭގަނޑު ދަންވަރު 00: 2އާ ހަމައަށް ދަތުރުތައް އޮންނާނެ ކަމަށެވެ.
އަމްރު އަދި ވިދާޅުވީ ހުޅުލެ އަށް ލޯންޗުގެ ހިދުމަތް ފެށި ނަމަވެސް މިހާރު ކުރަމުން ގެންދާ ދޯނީ ފެރީގެ ހިދުމަތަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ ކުންފުނިން ބޭނުންވަނީ އެ ހިދުމަތް ވެސް މިހާރު ދެމުންގެންދާ ގޮތަށް ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީކީ އެއް ގޮތަކަށް ވެސް އެކަމަކާ އަޅުގަނޑުމެން ނުބެހޭނަން. އެބޭފުޅުންނާ ވާހަކަ ދައްކާނަން އަޅުގަނޑުމެންނާ ބައިވެރިވެގެން މިކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން. އެހެން ގައުމުތަކުގައި ވެސް އަވަހަށް ދާން ބޭނުންވާ މީހުންނަށް ދެވޭނެ ގޮތްތައް ހުރޭ. އަޅުގަނޑުމެން ބޭނުންވަނީ ދެ އޮޕްޝަން ވެސް އޮންނަން. މިގޮތަށް އޮތުމުން ރައްޔިތުންނަށް އޭގެ ފައިދާކުރާނީ،" އެމްޓީސީސީއާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޒުވާން ސީއީއޯ ވިދާޅުވި އެވެ.
އެމްޓީސީސިން 2008 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ އަށް ކޮންމެ ހުކުރު ދުވަހެއްގައި 20ރ. އަށް ލޯންޗް ދަތުރުކޮށްފައިވެ އެވެ. ނަމަވެސް އެފަހަރު ދަތުރުތައް ހުއްޓާލާފައިވަނީ އެކަމަށް އެކަށީގެންވާ "ތަރުހީބެއް" ލިބިފައި ނުވާތީ އެވެ.
އެމްޓީސީސީން ވަނީ ފާސްޓް އެކްސްޕްރެސްގެ ހިދުމަތުގައި ޓިކެޓި ވިއްކުމުގެ ގޮތުން ހުޅުމާލޭގައި ކައުންޓަރެއްގެ ވެސް ހަދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ